މާލޭގެ ގެއެއްގެ ބެލްކަނި ވެއްޓި ހަތަރު ޒުވާނަކަށް އަނިޔާވެއްޖެއެވެ. އަނިޔާވި މީހުންގެ އުމުރު އުޅެނީ 16 އަހަރާއި 26 އަހަރާއި ދެމެދުގައެވެ. މި މީހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ދެމުންނެވެ.
މަންޒަރު ދުށް މީހަކު ބުނީ ބެލްކަނިން ވެއްޓުމުން މަގުމަތިން އެ ވަގުތު ދިޔަ ބަޔަކު ވެއްޓުނު ޝީޓް ދަށުވީކަމަށެވެ. ޢަދި އެ 4 މީހުން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައީ މަގުމަތިން ދިޔަ ބައެއް ކަމަށްވެސް އެމީހާ ވަނީ ބުނެފައެވެ.
ވެއްޓިފައިވަނީ ހ. ރުށްދަށުގެ ދެވަނަ ފަންގިފިލާގެ ބެލްކަނީކަމަށް ފުލުހުން ބުނެއެވެ. އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އައްފާލް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެ ހާދިސާއާ ގުޅިގެން 4 މީހަކަށް އޭޑީކޭގެ އެމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ފަހަކަށް އައިސް މާލޭގެ އުސް އިމާރާތްތަކުން މަގުމައްޗަށް ކުޑަދޮރާއި އެކި ކަހަލަ ތަކެތި ވެއްޓުން ވަނީ އިތުރުވެފައެވެ. އެގޮތުން މިއަދުވެސް މާލޭ ގްރޭންޑުގެ ހަވަނަ ފަންގިފިލާގެ ކުޑަދޮރެއްގެ ބިއްލޫރި ތަޅައިގެންގޮސްފައިވެއެވެ. އަދި މި މަހުގެ ކުރީކޮޅު އިމާރާތެއްގެ މަތިން ދަގަނޑު ހޮޅިއެއްވެއްޓި ކާރަކަށް ގެއްލުންވެފައިވެއެވެ. އަދި މިފަދަ ހާދިސާތަކުގައި މީހުންގެ މުދަލަށްވެސް ގެއްލުންވެފައިވެއެވެ. އަދި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުންޖެހި ކުޑަ ކުއްޖަކުވެސްވަނީ މަރުވެފައެވެ.