ސިއްހަތު

އައިޖީއެމްއެޗުގައި ކަކުލު ހުޅު ބަދަލުކުރަން ޝޯޓްލިސްޓު ކުރި ބައެއް މީހުންގެ އޮޕަރޭޝަން ޓްރީޓޮޕްގައި ކުރަނީ


އައިޖީއެމް ހޮސްޕިޓަލުގައި ކަކުލު ހުޅުބަދަލުކުރުމަށް ކުރާ އޮޕަރޭޝަންތައް އާސަންދައިގެ ދަށުން ޓްރީޓޮޕް ހޮސްޕިޓަލުގައި ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އައިޖީއެމްއެޗުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ ހޮސްޕިޓަލުން ކަކުލު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވާ ބައެއް މީހުންގެ އޮޕަރޭޝަންތައް ޓްރީޓޮޕް ހޮސްޕިޓަލުގައި ކުރުމަށް އެހޮސްޕިޓަލާއި އާސަންދައާއެކު ސޮއިކޮށްފައެވެ. މިއޮޕަރޭޝަންތައް ޓްރީޓޮޕްގައި ކުރުމަށް ހަމަޖައްސާފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައި ކަކުލުހުޅުގެ އޮޕަރޭޝަން ކުރުމަށް ތާވަލުކޮށްފައިވާ މީހުންގެ ކިޔު ބޮޑުވުމުގެ ސަބަބުން އެލިސްޓު ކުޑަކުރުމަށްކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އައިޖީއެމް ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވީ މިގޮތަށް ނިންމީ އައިޖީއެމްއެޗުން އޮޕަރޭޝަން ނުކުރެވޭތީ ނޫންކަމަށާއި، އެގޮތަށް ނިންމީ ހޮސްޕިޓަލުގައި އެކަށީގެންވާ ބެޑް ކެޕޭސިޓީ ނެތުމުން އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އައިޖީއެމް ހޮސްޕިޓަލުގައި ހުޅު ބަދަލުކުރުމަށް މިހާރުވެސް 177 ފަރާތެއް ޝޯޓް ލިސްޓު ކުރެވިފައި ވާކަން އެ ހޮސްޕިޓަލުން ފާހގަަކުރެއެވެ. އަދި އޮޕަރޭޝަން ގެ އިތުރުން ޖެނެރަލް އޯޕީޑީގައިވެސް ކަކުލު ހުޅުގެ ސަރޖަރީތަކާއި ގުޅޭ 300 އާއި ގާތްކުރާ ބަލި މީހުން އެބަތިބިކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އައިޖީއެމްއެޗުން ބުނީ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މިލިސްޓު ކުޑަކޮށް އަވަސް ޚިދުމަތްތަކެއް އެ ހޮސްޕިޓަލުން ދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

އައިޖީއެމްއެޗާއެކު ވެވުނު އެއްބަސްވުމާއެކު ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ޚާއްސަ ޕެކޭޖްތަކެއްވެސް ތަޢާރަފް ކޮށްފައެވެ. އެގޮތުން އެ ހޮސްޕިޓަކުން 65000 ރުފިޔާގެ ޕެކޭޖެއް ކަނޑައަޅާފައިވާއިރު މި އޮޕަރޭޝަން ކުރުމަށް ބަލި މީހުން އެއްވެސް ރުފިޔާއެއް ދައްކަން ނުޖެހޭނެކަމަށް އާސަންދައިން ބުނެއެވެ.

އައިޖީއެމް ހޮސްޕިޓަލުން ބުނީ މިއެއްބަސްވުމުގެ ދަށުން މަސައްކަތްކުރުމުގެ ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެ ވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ސިއްޙީ ޚިދުމަތްތަަކަކީ އެކަށީގެންވާ ގޮތެއްގައި ފަސޭހަ އަދި އަވަސް ގޮތެއްގައި ރައްޔިތުންނަށް ލިބޭނެ ޚިދުމަތްތަކަކަށް ހެދުން ކަމަށެވެ.