ޚަބަރު

މެދުއިރުމަތީގެ ސުލްޙައިގެ ޕްލޭންގެ އިޤްތިޞާދާ ބެހޭ ބައި ރަސްމީކޮށް އިފްތިތާޙުކޮށްފި


މެދު އިރުމަތީގައި ފަލަސްޠީނާއި އިސްރާއީލާ ދެމެދު ދާއިމީ ގޮތެއްގައި ސުލްޙަ ޤާއިމުކުރެވޭނީ ފަލަސްޠީނުގެ އިޤްތިޞާދު ހަމައަކަށް އަޅުވައިގެން ކަމަށް ބުނެ، އެމެރިކާގެ ސަރުކާރުން އެކުލަވާލި މެދުއިރުމަތީގެ ސުލްޙައިގެ ޕްލޭންގެ އިޤްތިޞާދާ ބެހޭ ބައި އެމެރިކާއިން ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ފަންސާސް ބިލިޔަން ޑޮލަރުގެ މި އިންވެސްޓްމަންޓް ޕްލޭން އިފްތިތާޙްކޮށްފައިވަނީ، އެމެރިކާއިން ބަހްރެއިންގައި މިހާރު ކުރިއަށްގެންދާ މެދު އިރުމަތީގެ އިޤްތިޞާދާ ބެހޭ ކޮންފަރެންސްގައެވެ.

ޢަރަބި ބައެއް ޤައުމުތަކާއި ދުނިޔޭގެ އިޤްތިޞާދީ އަދި މާލީ އިދާރާގެ އިސްވެރިން ބައިވެރިވަޑައިގެން މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމެރިކާގެ ވައިޓް ހައުސްއިން މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ މުޝީރު ޖެރަޑް ކުޝްނަރ ވިދާޅުވީ، އެމެރިކާއިން އެކުލަވާލި މި ޕްލޭނާއެކު، މެދުއިރުމައްޗަކީ އިޤްތިޞާދީ ކުރިއެރުމާއި ތަރައްޤީގެ ލާމަސީލު ނަމޫނާއެއްކަމުގައި ވާނޭކަމަށެވެ.

ފަލަސްޠީނުގެ އިޤްތިޞާދީ ކުރިއެރުމާއި ތަރައްޤީ ކަށަވަރުވެގެންދާނީ، މެދު އިރުމަތީގެ މައްސަލައަށް ސިޔާސީ ހައްލެއް ހޯދިގެން ކަމަށާއި، އެހެންނަމަވެސް މިވަގުތަކީ ސިޔާސީ ހައްލަކާމެދު ވިސްނުމަށް ވުރެ ބޮޑަށް، އިޤްތިޞާދީ ކުރިއެރުމާމެދު ވިސްނަންވީ ވަގުތުކަމަށްވެސް ކުޝްނަރ ވިދާޅުވިއެވެ.

އެމެރިކާއިން އިސްނަގައިގެން ބާއްވާ މި ކޮންފަރެންސް ފަލަސްޠީނުގެ ސަރުކާރުން ބޯއިކޮޓްކޮށްފައިވާއިރު، މިކަމާ ބެހޭގޮތުން ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ، މެދުއިރުމަތީގެ މައްސަލައަށް ޙައްލު ހޯދުމުގައި އިޤްތިޞާދީ ތަރައްޤީވެސް ބޭނުންވާކަމަށާއި، އެހެންނަމަވެސް މިކަމަށް އެންމެ މުހިއްމީ ސިޔާސީ ހައްލެއްކަމަށެވެ.