ޚަބަރު

ޝީރީންގެ މަރުގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރާނަން- ޕީޖީ


މަރާލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނު ޝިރީން މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި މުހައްމަދު ނަޖާހްގެ މައްޗަށް އެ ކުށް ސާބިތުނުވާކަމަށް ކުރިމިނަލްކޯޓުން އިއްޔެ ކުރި ހުކުމް އިސްތިއުނާފްކުރާނެކަމަށް ޕޮރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.ދަށުކޯޓުން އިއްޔެ އިއްވި ހުކުމްގައި ބުނެފައިވަނީ ޝީރީން މަރާލިކަމަށް ބުނެ ގަސްދުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާ ނަޖާހްގެ މައްޗަށް އުފުލި ނަމަވެސް އެ ކުށް އޭނާގެ މައްޗަށް  ސާބިތުވާވަރަށް ދައުލަތުން އެކަށީގެންވާ ހެކި ހުށައަޅާފައިނުވާކަމަށެވެ.މި މައްސަލާގައި ދައުލަތުން ފޮރެންސިކް ހެއްކާއި ޑީއެންއޭ ރިޕޯރޓްތަކުގެ އިތުރުން ޝީރީން މަރާލުމަށްފަހު އުފުލިކަމަށް ބުނާ ފޮށި ނަޖާހް ހިފައިގެން މަގުމަތިން ދަތުރުކުރި ވީޑިއޯ ފުޓޭޖްތައްވެސް ދައުލަތުން ހެކީގެ ގޮތުގައި ހުށައަޅާފައިވެއެވެ. އެހެންނަމަވެސް ނަޖާހް ޝިރީން މަރާލިތަން ދުށްކަމަށް ބުނެ އެކަކުވެސް ހެކިބަސް ދީފައެއްނުވެއެވެ. ޕީޖީ އޮފީހުން ބުނީ މަރުގެ މައްސަލައެއް ކަމުން ހާއްސަ ސަމާލުކަމެއް ދީގެން ޝީރީންގެ މަރުގެ މައްސަލަ އިސްތިއުނާފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މި ގޮތުން  އެކަމަށް ހޯދަންޖެހޭ ލިޔެކިޔުންތަކާއި ރިޕޯރޓްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.މަރާލުމަށްފަހު މާފަންނުކޮޅުގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރޭގައި ހުރި ކުނިތަކެއްގެ ތެރެއަށް ޝީރީންގެ ހަށިގަޑު އެއްލާލާފައި އޮއްވާ ފެނުނީ އެނާ ގެއްލިގެން ހޯދަމުންދާ ތާ ތިންދުވަސްވީ ފަހުންނެވެ.އޭނާ ގެއްލުމާއި ހަމައަށްވެސް އުޅެމުންދިޔައީ ނަޖާހްއާއިއެކު އެއްތަނެއްގައިކަމަށް ބުނެ މި މައްސަލާގައި ބައެއް މީހުން ހެކިބަސްވެސް ދީފައިވެއެވެ.