ކުޅިވަރު

އެކުވެނި އައުޓްޑޯ ބާސްކެޓް ކޯޓްގައި، 3 އިންޑޯ ބާސްކެޓް ކޯޓު އަޅަނީ


އެކުވެނި އައުޓްޑޯ ބާސްކެޓް ކޯޓްގައި، ތިން އިންޑޯ ބާސްކެޓް ކޯޓު އެޅުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙުމަދު މަޙުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ، ސަރބިޔާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރުގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިނިސްޓަރ މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ބާސްކެޓް ކުޅެން މިހާރު ބޭނުންކުރާ އެކުވެނި އައުޓްޑޯ ބާސްކެޓް ކޯޓް ސަރަހައްދުގައި، ތިން އިންޑޯ ބާސްކެޓް ކޯޓު އެޅުމަށް ހަމަޖެހިފައިވާކަމަށެވެ.

މެރީ ބްރައުނާ އިންވެގެން އޮންނަ ބިމުގައި މިހާރު އޮންނަނީ ދެ ވޮލީ ކޯޓާއި ދެ ބާސްކެޓް ކޯޓެވެ. އެ ދެ ބާސްކެޓު ކޯޓުގެ ބަދަލުގައި، އެ ސަހަރައްދުގައި ތިން އިންޑޯ ބާސްކެޓް ކޯޓު އަޅައި، އަދި މާލޭގެ އެހެން ތަނެއްގައި އިތުރު އެއް ބާސްކެޓް ކޯޓު އެޅުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ މަހުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އަދި މިހާރު ޓެނިސް ކޯޓް ބޮޑުކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން، ބާސްކެޓް ކޯޓްތައް އެޅުމަށް ކުރާ މަސައްކަތަށް އެއްވެސް ހުރަހެއް ނޯންނާނެކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މިސަރުކާރުން އެއްވެސް ކުޅިވަރެއް ބާކީ ނުކުރާނެކަމަށާއި، ހުރިހާ ކުޅިވަރަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.

މިނިސްޓަރ މަޙުލޫފު ސަރބިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިހާރުވެސް ވަނީ ޤައުމީ ފިރިހެން ވޮލީ ޓީމަށް އެގައުމްގައި ކޭމްޕް ކުރެވޭނެ އިންތިޒާމު ފަހިކޮށްދެއްވާފައެވެ.
ޤައުމީ ފިރިހެން ވޮލީ ޓީމު ސަރބިޔާގައި ކޭމްޕް ކުރުމަށް ހަމަޖެހިފައިވަނީ، މި އަންނަ މަހުގެ ތިނަކުން ސާދައަށެވެ.