ޚަބަރު

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް މިމަހުގެ 28ގައި ފަށަނީ


ކީރިތި ޤުރުއާން ކިޔެވުމުގެ 30 ވަނަ ޤައުމީ މުބާރާތް މިމަހުގެ 28 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ހިތްޖައްސައި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި ފެތުރުވުމުގެ މަޤުސަދުގައި ކޮންމެ އަހަރަކުވެސް ބާއްވާ މި މުބާރާތުގައި މިއަހަރު ޖުމްލަ ހަތް ސަތޭކަ ނުވަދިހަ އަށް ބައިވެރިން ކިޔެވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މާލޭގެ ހަތަރު ސަތޭކަ ހަތްދިހަ ހަތް ބައިވެރިންނާއި، އަތޮޅުތަކުން ދުއިސައްތަ ނުވަދިހަ ބައިވެރިންނާއި، ސްޕެޝަލް އެޑިއުކޭޝަން، ޚާއްސައެހީގައި ބައިވެރިވާ ވިހި ދަރިވަރުންގެ އިތުރުން މިއަހަރު އަލަށް ތަޢާރަފުކުރާ ކެޓަގަރީއެއްކަމަށްވާ ވިދިވިދިގެން ދިހަ ފޮތް ހިތުދަސްބައިގެ އެގާރަ ބައިވެރިން ހިމެނޭކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.މުބާރާތުގައި ބައިވެރިވާ މާލޭގެ ބައިވެރިން ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ ނަވާވިސް ވަނަ ދުވަހުއެވެ. އަދި އަތޮޅުތަކުގެ ބައިވެރިންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫންމަހުގެ 4ވަނަ ދުވަހުއެވެ.ޤައުމީ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން ޖޫން މަހުގެ 13ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި މިބާރާތް ސްޕޮންސަރ ކުރުމަށާއި، އެކި ވަނަތަކަށް އިނާމް ހުށަހެޅުމުގެ ފުރުސަތު ޖޫން މަހުގެ ހަތަރު ވަނަ ދުވަހާއި ހަމައަށް ހުޅުވާލެވިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.