ސިޔާސީ

މިދިޔަ ސަރުކާރުގައި ހިންގިކަމަށް ބުނާ ޖަރީމާތައް ބެލުން އަވަސްކުރުމަށް މެމްބަރުން ގޮވާލައިފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ޤާނޫނާއި ޚިލާފަށް ހިންގާފައިވާކަމަށް ބުނާ ޖަރީމާތަކާއި، ޚިޔާނާތުގެ މައްސަލަތަކަށް އިންސާފު ނުލިބި ލަސްވާތީ އެ މައްސަލަތައް ތަހުޤީގުކުރުން އަވަސްކުރުމަށް ގޮވާލާ ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށް ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދުއެވެ.

އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ވަޙީދު ހުށައެޅުއްވި ކުއްލި މައްސަލާގައި ވަނީ، ޖިނާޢީ ތުހުމަތުތައް ކުރެވިފައިވާ އެތައް ބައެއްގެ ގިނަ މައްސަލަތަކެއް ޝާރީޢަތުގެ މަރުހަލާގައި ނުނިމި ލަސްވަމުންދިއުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމެއްކަމަށެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް އެތައްކަމެއް ކުރުމުގެ އިތުރުން ރިކޯޑް ޢަދަދަކަށް ދައުލަތުން ވައްކަންކޮށް ޚިޔާނާތްތެރިވެފައިވާ މައްސަލަ ނުބެލި ލަސްވުމަކީ ރައްޔިތުން ކަންބޮޑުވާކަމެއްކަމަށްވެސް މުޙައްމަދު ވަޙީދުގެ ހުށައެޅުއްވި ކުއްލި މައްސަލާގައިވެއެވެ.

" ދިވެހިރާއްޖޭޙެ ވެރިކަން ހިންގުމުގެ ނިޒާމް ގަޑުބަޑުކޮށް ރައްޔިތުންގެ މަޖިލިސް ހިޟާރުކޮށް ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނުގައި ކޯޓްތައް ރޫޅާލާ އެތައް ބަޔަކު ޖަލަށްލުމާ އެތައް ސަބަބުތަކާ ރައްޔިތުން ނުހަނު ކަންބޮޑުވާކަމެއް." ވަޙީދު ހުށައެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވެފައިވެއެވެ.

މި ކުއްލި މައްސަލައަށް ވާހަކަފުޅުދެއްކެވި ގިނަ މެންބަރުން ވަނީ ކުރީ ސަރުކާރުން ހިންގި ޖަރީމާތަކަށް އިންސާފް ހޯދައިދިނުން އަވަސްކުރުމަށް ގޮވާލައްވާފައެވެ.

މި މައްސަލައަށް ބަހުސްކުރައްވަމުން ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވީ، ރާއްޖޭގެ ތަރައްޤީއަށް ހޭދަކުރަން ހުރި އެތައް މިލިއަން ފައިސާއެއް ގެއްލުވާލާ ޚިޔާނަތްތެރިވިކަމަށް ތުހުމަތުކުރެވޭ މީހުން މިނިވަންކަންމަތީ އުޅެމުންދާކަމަށެވެ.

" ދައުލަތުގެ ޚަޒާނާއިން އެތައް ސަތޭކަ މިލިއަން ޑޮލަރެއް ވައްކަންކޮށްފައި މިއަދުވެސް އެފަރާތްތައް މިނިވަންކަމާއެކު ރާއްޖޭގައި އެ ވަގަށް ނެގި ފައިސާއިން އިތުރު ތަނަވަސްކަން ހޯދުމުގައި އަރާމު ދިރިއުޅުމެއް އުޅުއްވަމުން އެގެންދަވަނީ. " މެންބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވިއެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ ގިނަ މައްސަލަތައް ފެންމަތިވެފައިވަނީ ރައްޔިތުންގެ މަޖިލީހުން އަދާކުރަންޖެހޭ މަސްޢޫލިއްޔަތު އަދާނުކުރުމުގެ ސަބަބުންކަމަށެވެ. މިހާރުވެސް ޖުޑީޝަރީ އިޞްލާހުކުރުމުގެ ބާރު ލިބިފައިވާއިރު އެ މަސައްކަތް ޖުޑީޝަރީ ކޮމިޓީން އަވަސްކުރުމަށްވެސް ޝަރީފް ވަނީ ގޮވާލެއްވިއެވެ.

" ފަނޑިޔާރުގެއާ އަދުލް އިންސާފް ޤާއިމްކުރުމުގެ އެންމެ ފަހުގެ ކަންކަން ނިންމުމުގެ އިޚްތިޔާރު އޮތީ މި މަޖިލީހަށްކަން ހަނދާން ބަހައްޓާންޖެހޭ. އެހެންކަމުން ސިޔާސީ ނުކޮށް އަޅަންޖެހޭ ފިޔަވަޅުތައް މި މަޖިލީހުގެ ޖުޑީޝަލް ކޮމިޓީން އަޅާ ޕްލޭން ތައްޔާރުކުރުމަށް އަޅުގަނޑު ގޮވާލަން." މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވިއެވެ.

މި މައްސަލައަށް ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ބަދަލު ހިފުމުގެ ރޫހު ނުހުއްޓޭހާ ހިނދަކު ތަރައްޤީ އާއި ރައްޔިތުން ބޭނުންވާ އުއްމީދު ހާސިލުނުވާނެކަމަށެވެ.

" އިންސާފް ޤާއިމްކުރުމަކީ ކުރަންޖެހޭކަމެއް. ނަމަވެސް ވަކި މީހަކު ވަކި ބަޔަކު އިސްތިސްނާވެގެން ދިއުމަކީ ވަކި ސަރުކާރަކު އިސްތިސްނާވުމަކީ އެއީ ބަލައިގަނެވޭނެކަމެއް ނޫން." މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ކުޅުއްދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވީ، ރައްޔިތުންގެ ބައިތުމާލުން ބޮޑެތި ޢަދަދުތަކުން ޚިޔާނާތްތެރިވެފައިވާ މައްސަލައަކީ ބަލަންޖެހޭނެ މައްސަލައެއްކަމަށެވެ. އެއީ ރައްޔިތުން ނުހަނު ކަންބޮޑުވާކަމެއްކަމަށްވެސް މެންބަރު ވިދާޅުވިއެވެ. އޭނާ ވަނީ އެ މައްސަލަތައް ވީހާވެސް އަވަހަށް ބެލުމަށް ގޮވާލައްވާފައެވެ.

" ވަރަށް ސާފުކޮށް އެނގެން އެބައޮވޭ ބްރިޖް އެޅިޔަސް ބައިވަރު ރުފިޔާތަކެއް ކާލީ. ދަރުމަވަންތަ ހޮސްޕިޓަލޭ ކިޔާފަ އެތައް މިލިއަން ޑޮލަރެއް ކާލީ. މިސްކިތެއް އެޅިޔަސް އެތައް ބައިވަރު ރުފިޔާތަކެއް ކާލީ. އަދިވެސް ގުނަުން ގުނަމުން މިދާ 7 މަސްދުވަސްވީއރުވެސް އެވާހަކަ ދައްކާވަރެއްނުވޭ." މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވިއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ދައުލަތުން އެއް މިލިއަން ޑޮލަރު އަމިއްލަފުޅަށް ނަންގަވާ ސިޔާސީ ލީޑަރުން ޖަލަށްލާ ރައްޔިތުންގެ ގަޔަށް ކަރުނަގޭސް ޖަހާފައިވާކަމަށާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކުރުމުގެ ޖަރީމާތައް ހިންގި ހިންގުމަށް އިންސާފު ލިބެންޖެހޭކަމަށެވެ.

" ރާއްޖޭގެ ބައިތުމާލުން ފަޅާލިއްޔޭ އިއްޒަތްތެރި ރައީސް. ނުފަޅާލާތޯ؟ ހަމަ ފަޅާލީ. ބިލިއަނުން ބިލިއަނުން. ސިއްސައިގެން ނުދޭތޯ. ބިލިއަނުން. ލައްކައިން މިލިއަނުން ބިލިއަނުން ވައްކަންކުރީ. ރައްޔިތުންގެ ފައިސާއިން ވައްކަންކޮށް ދަވާލީ. ތިޖޫރި ހަމަ ފަޅާލީ." އިމްތިޔާޒް ވިދާޅުވިއެވެ.

ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ޤާނޫނު އަސާސީއާއި އެ ޤާނޫނުތަކަކީ ރައްޔިތުންނަށް އިންސާފް ލިބިދިނުމަށް ހަދާފައިވާ ޤާނޫނުތަކެއްކަމަށާއި، ނަމަވެސް ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް ބޭނުންގޮތެއް މިސަރުކާރުން ހަދަމުންދާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"ޤާނޫނު އަސާސީއާއި ޤާނޫނުތައް ރަބަރު ޖަހާ ދަމާތަން މި ފެންނަނީ. ޤާނޫނު އަސާސީއާއި އެ ޤާނޫނު އަސާސީގެ ދަށުން އުފެދިފައިވާ ޤާނޫނުތަކަކީ ރައްޔިތުންނަށް އިންސާފް ލިބިދިނުމަށް ހަދާފައިވާ ޤާނޫނުތަކެއް. ނަމަވެސް އެ ޤާނޫނުތައް އެފުށް މިފުށަށް ބޭނުންކަމެއް ކުރާތަން މިފެންނަނީ." ޕީޕީއެމްގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ވިދާޅުވީ މިނިވަން މުއައްސަސާތައް މިނިވަންވެ މިހާރު ބޮޑުވަމުން އަންނަ ދިވެހި ދަރީންނަށް އިންސާފު ލިބުމަކީ ރައްޔިތުން ކުރާ އުއްމީދެއްކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި މިނިވަން މުއައްސަސާތައް ނައްތާލުމުގެ ނަތީޖާއަކަށްވީ ހިނގާދިޔަ އެންމެހާ ޖަރީމާތައް އެންމެހާ އިންސާނީ ޙައްޤުތަކަށް އަރައިގަނެ އިންސާފް ގެއްލިގެން ދިއުން." ޖީހާން ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މި މައްސަލައަށް ބަހުސްކުރެއްވި ގިނަ މެންބަރުން ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް ހިންގާފައިވާ ޖަރީމާތަށް ތަޙުޤީޤުކޮށް އިންސާފް އަވަސްކުރުމަށް ގޮވާލައްވާފައެވެ.