 
										
			މުޖުތަމައުތަކަށް ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ މީހުންގެ މައިގަނޑު އަމާޒަކަށް ވަނީ ޒުވާނުން ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. 
ފިކުރީ ގޮތުން ހައްދުފަހަނައަޅައި ދިއުމުގައި ދީނީ އިލްމުވެރިންގެ ދައުރާއި ގުޅޭގޮތުން ކުރިއަށްގެންދާ ދެ ދުވަހުގެ ވޯކްޝޮޕް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ހަރުކަށި ފިކުރުތަކުގެ ޝިކާރައަކަށް ވަނީ  ހަމައެކަނި ނުކިޔަވާ ނުވަތަ ވަޒީފާނެތް މީހުން އެކަނި ނޫންކަމަށެވެ. ރަނގަަޅަށް އުނގެނި ރަނގަޅު ވަޒީފާތައް އަދާކުރާ އެކި ގިންތީގެ ޒުވާނުންވެސް އެ ފިކުރުގައި ޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ފިކުރީ ހައްދު ފަހަނައެޅުން މިހާރު އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި އެކަމާ އަޅާ ނުލާ ތިބެވެންނެތްކަމަށެވެ. 
" ގިނަ ފަހަރު މި ފިކުރު ފަތުރާ މީހުންގެ އަމާޒަކަށް ވަނީ ޒުވާނުން. އެެއީ ކޮންމެހެން ނުކިޔަވާ ތިބޭ، ފުރުސަތުތައް މަދު ފަރާތްތަކަކަށް ވާކަށް ނުޖެހޭ. އެ ފަރާތްތަކަކީ ރަނގަޅަށް ކިޔަވައިގެން ތިބި، ރަނގަޅު  ވަޒީފާގައި ތިބޭ ގިނަ ފުރުސަތުތައް ފަހިވެފައިވާ ފަރާތްތަކަށްވެސް ވުން އެކަށީގެންވޭ. އެކަމަކު އެ މީހުންވެސް ފަސޭހަ ކަމާ އެކު މި ފިކުރުގައި ޖެހޭ،" އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވިއެވެ.
 
މިނިސްޓަރ ވިދާޅުވީ ތައުލީމީ ދާއިރާއަށް ބަދަލުތަކެއް ގެނެސް ދަރިވަރުން ހޭލުންތެރިކޮށް ރަނގަޅު ނަތީޖާ ނެރެދިނުމުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރުޓީ މާރިޔާ އަހުމަދު ދީދީ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. 
ޔޫއޭއީގެ ހިދާޔާ ސެންޓަރާއި އެންސީޓީސީ ގުޅިގެން ކުރިޔަށް ގެންދާ މި ވޯކްޝޮޕްގައި، ހައްދުފަހަނައަޅައި ދިއުމާއި ގުޅޭ ގޮތުން ދީނީ އިލްމްވެރިން މައުލޫމާތު ދޭނެކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބުނެއެވެ.