ޚަބަރު

ލުތުފީ އެމްބަސީގައި ހުރިކަން ކަމާބެހޭ ފަރާތްތަކަށް އެންގިން - ފޮރިން މިނިސްޓްރީ


ހ.ހާޖަރާގެ ޢަބްދުﷲ ލުޠުފީ ސަރުކާރުގެ ބެލުމުގެ ދަށަށް އައުމާއެކު ދައުލަތުގެ ކަމާބެހޭ ވުޒާރާތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނޭކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު ލުތުފީ އަމިއްލަ އަށް ޙާޒިރުވެ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އެކަމުގެ މަޢުލޫމާތު ޢާންމުނުކޮށް ގިނަދުވަސްވެފައިވާތީ ގިނަ ބައެއްގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

މި މައްސަލާގައި ދައުލަތުގެ އެއްވެސް ވުޒާރާއަކުން މަޢުލޫމާތު ހިއްސާނުކޮށް އޮތުމަށްފަހު މިއަދު ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ 1 މެއި 2019 ވަނަ ދުވަހު ހ. ހާޖަރާގެ ޢަބްދުﷲ ލުޠުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލަ އިޚްތިޔާރުގައި ހާޟިރުވެ، ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް އެނބުރި އައުމަށް އެދޭކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމާއިއެކު، އެކަން ދައުލަތުގެ ކަމާބެހޭ ވުޒާރާތަކާ ވަގުތުން ޙިއްސާކޮށްފައިވާކަމަށެވެ. އަދި އެވަގުތުން ފެށިގެން، ސްރީލަންކާ ސަރުކާރުގެ ވުޒާރާތަކުގެ ސަމާލުކަމަށްވެސް އެކަން ގެނެސް، ޤާނޫނީ އިމުގެ ތެރެއިން ޢަބްދުﷲ ލުޠުފީ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ބަޔާނުގައިވެއެވެ. ނަމަވެސް މައްސަލައިގެ ބާވަތުން، ޢަބްދުﷲ ލުޠުފީ އަނބުރާ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެގޮތުން، ޢަބްދުﷲ ލުޠުފީގެ މައްޗަށް އިންޓަރޕޯލްއިން ރެޑް ނޯޓިސް ނެރެފައިވުމުން، ބައިނަލްއަޤްވާމީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާޢަތްތަކެއް ހުރިކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި ސްރީލަންކާގައި ލުޠުފީ ދިރިއުޅެމުން ދިޔައީ ސައްޙަ ވިސާއަކާ ނުލައި، ފިލައިގެންކަމަށާއި، އިންސާނީ ޙައްޤުތަކުގެ މައްޗަށް ބިނާކޮށް އެޤައުމުގެ ޙިމާޔަތް ހޯދުމަށް މަސައްކަތްކޮށްފައިވުމުން، ލަންކާގެ ޤާނޫނުތަކުގެ ދަށުން ފުރިހަމަކުރަން ޖެހޭ މަރުޙަލާތަކެއް ހުރިކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ފާއިތުވި ސަރުކާރުން ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމުމާ ގުޅިގެން، ދިވެހިރާއްޖެއާއި ސްރީލަންކާ ސަރުކާރާ ދެމެދު ވެފައިވާ ކުށްވެރިން އަނބުރާ ފޮނުވާލުމުގެ އެއްބަސްވުމުގެ ސައްޙަކަމާމެދު ސުވާލު އުފެދިފައިވާކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ޢަބްދުﷲ ލުޠުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ޙަވާލުވި ދުވަސްވަރަކީ ސްރީލަންކާގައި ދިމާވި ޓެރަރިސްޓް ހަމަލާ ދިން ޙާދިސާ އާއި ދާދި އެއްދުވަސްވަރަކަށްވުމަކީ އެކަމުގައި ދިމާވި އިތުރު ހުރަހެއްކަމުގައިވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އެހެންކަމުން ޢާއްމު ފަރުދަކު އަމިއްލަ އިޚްތިޔާރުގައި އެނބުރި ރާއްޖެ އައުމުގައި ޢާއްމުގޮތެއްގައި ޢަމަލުކުރާ އުޞޫލާއި ޚިލާފަށް، ޢަބްދުﷲ ލުޠުފީ އަނބުރާ ގެނައުމުގައި ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެކަމަށވެސް ފޮރިން މިނިސްޓްރީން ބުނެއެވެ. އެ ގޮންޖެހުންތައް ހުރިނަމަވެސް، ފުރަތަމަ ދުވަހުން ފެށިގެން ޢަބްދުﷲ ލުޠުފީ އަނބުރާ ގެނައުމުގެ މަސައްކަތް ފަށާ، އޭނާ ބެލެހެއްޓުމުގެ ކަންކަން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޙަވާލުކޮށްފައިވާކަމަށްވެސްފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. ބައިނަލްއަޤްވާމީ އިޖުރާޢަތްތައް ފުރިހަމަކޮށް، ސްރީލަންކާއާއި، ދިވެހިރާއްޖޭގެ ޤާނޫނީ އިމުގެ ތެރެއިން، ވީއެންމެ އަވަސް ފުރުސަތެއްގައި އޭނާ އަނބުރާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ލުތުފީ ލަންކާ އެމްބަސީގައި ހުރިކަން ފުލުހުން މީގެ ދެދުވަސްކުރިން ހާމަކުރީ އެވާހަތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ރޭ ވިދާޅުވީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ލުތުފީ ރާއްޖެ ގެންނާނެކަމަށެވެ.

ލުތުފީ އިސްކޮށް ހުރެ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރާ 3 ނޮވެމްބަރ 1988ގައި ދިން އުދުވާނީ ހަމަލާގައި ކުށެއް ނެތް 19 ދިވެހިން ވަނީ ޝަހީދުކޮށްލާފައެވެ. މި މައްސަލާގައި ލުތުފީ މަރަން ކޯޓުން ހުކުމްކުރިއެވެ. އެހެންނަމަވެސް ރައީސް މައުމޫން ނޮވެމްބަރު ތިނެއްގައި މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު ލުއިކޮށްދެއްވާ އެ އަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ބަދަލުކޮށްދެއްވިއެވެ.

ލުތުފީ ފިލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބޭސްފަރުވާއަށް ރާޢްޖެއިން ބޭރަށް ފޮނުވުމުންނެވެ. ނޮވެމްބަރު 3 ގެ އުދުވާނުގައި ލުތުފީއާއި އެކު ދެން އެންމެ އިސްކޮށް އުޅުނު ސަގަރު އަހްމަދު ނާސިރަށް ވެސް އިއްވާފައިވަނީ އުމުރުދުވަހުގެ ޖަލު ހުކުމެކެވެ. ރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރުކަމުން މި މުއްދަތު ހަމަވުމުން 2014 ވަނަ އަހަރު ސަގަރު އަހްމަދު ނާސިރު ވަނީ މިނިވަންވެފައެވެ.