ޚަބަރު

މިނާ ގުރޫޕަަށް ފައިސާދެއްކި ފަރާތްތަކުން ޙައްޖަށް ނުދެވިދާނެކަމުގެ ޝަކުވާތައް


މިނާ ޙައްޖު ގުރޫޕުގެ ޙަވާލުގައި ޙައްޖަށް ދިޔުމަށް ފައިސާދައްކާފައިވާ ފަރާތްތަކަށް ޙައްޖަށް ނުދެވިދާނެކަމުގެ ބިރުހީވެ އެކަމުގެ ޝަކުވާ އެ ފަރާތްތަކުން ކުރަން ފަށައިފިއެވެ.

މިނާ ގްރޫޕުން ޙައްޖަށްދާ ފައިސާ ދެއްކި ބައެއް މީހުން ބުނީ މި އަހަރު ޙައްޖަށް ނުދެވިދާނެ ފަދަ ޙާލަތެއް މެދުވެރިވެދާނެކަމަށް ބުނެ ޖަމާއަތުން އަންގަމުން އަންނަކަމަށެވެ.

މިނިސްޓްރީން އޮފް އިސްލާމިކް އެފެއާޒުން މިދިޔަ ބުރާސްފަތި ދުވަހު މިނާ ޙައްޖު ގުރޫޕަށް ޙައްޖަށް މިހުން ގެންޔިއުމުގެ މަސައްކަތް ހުއްޓާލުމަށް އެންގުމާއި ގުޅިގެން އެޖަމާޢަތުން މިހާރުވަނީ އެޖަމާޢަތުގެ ޙަވާލުގައި ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ޙައްޖަށް ނުދެވިދާނެ ފަދަ ޙާލަތެއް މެދުވެރިވެދާނެކަމަށް އަނގާފައެވެ. އެޖަމާޢަތުގެ ޙަވާލުގައި ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުން ބުނަމުންގެންދަނީ އިސްލާމިކް މިނިސްޓްރީން އެޖަމާޢަތަށް މަސައްކަތް ހުއްޓާލުމަށް އެންގުމާއި ގުޅިގެން އެފަރާތްތަކަށް ޖަމާޢަތުން ޙައްޖަށް ނުދެވިދާނެކަމަށް އަންގާފައިވާކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނާ ޙައްޖު ގުރޫޕުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އުޖެއިލް ވިދާޅުވީ ޙައްޖުގެ ކަންކަން ހުއްޓލުމަށް އެޖަމާޢަތަށް އިސްލާމިކް މިނިސްޓްރީން މިިދިޔަ ބުރާސްފަތި ދުވަހު އަންގާފައިވާކަމަށެވެ. އަދި ގްރޫޕުން މިހާރު ވާނީ އެޖަމާޢަތުން ޙައްޖަށް ގެންދާ މީހުން ބައިތިއްބާނެ ހޮޓެލާއި އެހެނިހެން އިންތިޒާމުވެސް ހަމަޖައްސާފައިކަމަށެވެ. އަދި ޙައްޖުގެ ކަންކަން ހުއްޓާލަން އެންގުމުން އެކަން ޙައްޖުވެރިންނަށް އަންގަމުންދާކަމަށްވެސް އުޖެއިލް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.ޢަހްމަދު ޒާހިރު ވިދާޅުވީ އެއްވެސް ސަބަބަކާއި ހުރެ ޙައްޖަށް ދާން ފައިސާ ދެއްކި ޙައްޖުވެރިންނަށް ޙައްޖަށް ނުދެވޭ ގޮތް މެދުވެރިވެއްޖެނަމަ އެފަރާތްތަކަށް ޙައްޖަށް ދެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމަށެވެ. އިސްލާމިކް މިނިސްޓްރީން ކުރިން ވިދާޅުވީ ހައްޖު ކޯޓާގެ މައްސަލާގއި ގޮތެއް ނިންމާނީ އޭސީސީގެ ތަޙުގީގަށްފަހު އެ ކޮމިޝަންގެ ނިންމުންތަކުގެ މައްޗަށް ބެލުމަށްފަހުގައިކަމަށެވެ.

މިއަހަރު ޙައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ޙައްޖު ކޯޓާ ދޫކުރުމުގައި ތަޙުގީގު ކުރަންޖެހޭ ކަންކަން ފާހަގަކުރެވިފައިވީނަމަވެސް ޙައްޖުގެ ކަންކަން ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީއަށް ލަފާދީފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އިއްޔެވަނީ ބުނެފައެވެ. އޭސީސީން ބުނީ ޙައްޖަށް ކޯޓާ ދިނުމުގައި ކޮރަޕްޝަންގެ މައްސަލަތައް އެ ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެކަންކަން އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް މިހާރު ގެނެސްފައިވާކަމަށްވެސް އެސީސީން ވަނީ ބުނެފައެވެ.

އޭސީސީން މި މައްސަލަ ތަޙުގީގުކުރަމުން އަންނައިރު ޙައްޖު ކޯޓާ މިނިސްޓްރީން ދިންގޮތާ މެދު ހިތްހަމަނުޖެހިގެން ސިސިލްފަރު ޙައްޖު ގުރޫޕުންވަނީ ކޯޓަށްވެސް މައްސަލަ ހުށައަޅާފައެވެ. އެހެންނަމަވެސް އެ މައްސަލާގައި އިޖުރާޢަތްތައް ފުރިހަމަނުވާކަމަށް ބުނެ ކޯޓުންވަނީ އެމައްސަލަ ފަހުން ބޭރުކޮށްފައެވެ.