ޚަބަރު

ބޭރުގައި ބޭސްފަރުވާކުރަން އަދީބަށް ދިން މުއްދަތު އިތުރުކޮށްފި


ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ދިން މުއްދަތު އިތުރުކޮށްފިއެވެ.

ކަރެކްޝަނަލ ސަރވިސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މުއްދަތު އިތުރުކޮށްފައިވަނީ ދިން މުއްދަތުގައި
ބޭސްފަރުވާގެ އެންމެހައި ކަންކަން ފުރިހަމަ ކުރެވިފައިނުވާތީއާއި ކެންސަރ ސްކްރީނިންގއެއް ހެދުމަށް
ޑޮކްޓަރު ދީފައިވާތީ ކަމަށެވެ.

ކަރެކްޝަނަލް ސަރވިސް އިން ބުނީ މުއްދަތު އިތުރުކުރުމަށް އަދީބުގެ އާއިލާގެ ފަރާތުން އެދިފައިވަނީ މިއަދު (25 ޖޫން 2019)ގައި ކަމަށެވެ. އަދި އިތުރުކުރި މުއްދަތު ހަމަވާނީ އަންނަ ޖުލައި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އަދީބަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ދިން މުއްދަތު އިތުރުކޮށްފައިވާއިރު އޭނާ މިވަގުތު ހުންނެވީ ބޭސްފަރުވާއަށް އިންޑިއާގައެވެ. އޭނާ އެނބުރި ރާއްޖެ ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތީ މާދަމާއެވެ.

އަދީބަށް ރާއްޖެއިން ބޭރަށް ދިއުމަށް ދިން މުއްދަތު އިތުރުކޮށްފައިވާއިރު ސުޕްރީމް ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައެވެ.

ސުޕްރީމްކޯޓުން އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައިވަނީ، އަދީބުގެ މައްޗަށް ސާބިތުވި ޚިޔާނާތުގެ ޙުކުމެއް ހައިކޯޓުން ބާތިލްކުރުމުން، އެމައްސަލަ ދައުލަތުން ސުޕްރީމްކޯޓުގައި އިސްތިއުނާފްކުރުމުންނެވެ. ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ދައުލަތުން އިސްތިއުނާފްކުރި މައްސަލަ އެކޯޓުން ބަލައިގަތުމަށް ނިންމާފައިވާކަމަށެވެ. އަދި އެ މައްސަލާގައި
ގޮތެއް ކަނޑައަޅަންދެން، އަހުމަދު އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކުރާކަމަށެވެ.

ހައިކޯޓްގެ ނިންމުން ބާތިލުކުރުމަށް އެދި ދައުލަތުން ހުށައެޅި މައްސަލާގައި ބުނެފައިވަނީ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް އިއްވާފައިވާ ޙުކުމް ބާތިލުކުރުމަށް ހައިކޯޓުން ނިންމި ނިންމުމަކީ މީގެ ކުރިން ސުޕްރީމްކޯޓުން ނެރެފައިވާ ދެ ޢަމުރެއްގެ މަޤްޞަދު އޮޅޭގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ.

ހައިކޯޓުން ބާތިލުކޮށްފައިވަނީ ޅ.މާބިންހުރާއިން ދައުލަތަށް ލިބެންޖެހޭ 5 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައިގައި އަދީބުގެ މައްޗަށް އިއްވާފައިވާ 8 އަހަރުގެ ޖަލު ޙުކުމެކެވެ. މީގެ އިތުރުން ޓެރަރިޒަމްގެ މައްސަލާގައި އަދީބުގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމެއްވެސް ހައިކޯޓުން ވަނީ ބާތިލުކޮށް، އަލުން ބެލުމަށް ކްރިމިނަލްކޯޓަށް އަމުރުކޮށްފައެވެ. މީގެ ތެރެއިން ދައުލަތުން ސުޕްރީމްކޯޓުގައި އިސްތިއުނާފްކޮށްފައިވަނީ ހިޔާނާތްތެރިވި މައްސަލައިގައި އަދީބުގެ މައްޗަށް އިއްވާފައިވާ 8 އަހަރުގެ ޖަލު ޙުކުމް ބާތިލްކުރި މައްސަލައެވެ.