ވިޔަފާރި

4.9 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރި މައްސަލައިގައި ބެންކުން ފިޔަވަޅު އަޅައިފި


ބީއެމްއެލްގެ 4.9 މިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައިގައި ބައެއް މުވައްޒަފުން ވަކިކޮށް، ބައެއް މުވައްޒަފުންނާމެދު އިދާރީ ފިޔަވަޅު އަޅާފައިވާކަމަށް ބެންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ އެބެންކުގެ މުވައްޒަފަކު ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ، މިދިޔަ ޖަނަވަރީ މަހުން ފެށިގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައިވާކަމަށެވެ. އަދި ބޭންކުގެ އިންޓަރނަލް އޮޑިޓް ޑިވިޝަނުން މައްސަލަ ބެލުމަށްފަހު މިކަމުގައި ޒިންމާވާން ޖެހޭ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާފައިވާކަމަށް ބެންކުން ބުނެއެވެ. މީގެ ތެރޭގައި ވަޒީފާއިން ވަކި ކުރުމާއި އެހެނިހެން އިދާރީ ފިޔަވަޅު އެޅުން ހިމެނޭކަމަށް ބެންކުން ބުނެއެވެ.

ބީއެމްއެލްއިން ބުނީ ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށް ހަރުދަނާ ޤަވާއިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓާނަލް ކޮންޓްރޯލްތައްވެސް ބޭންކުގައި ގާއިމްކުރެވިފައިވާކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު ގަވައިދާ ހިލާފު ކަމެއް ކޮށްފިނަމަ އެކަމެއް ތަހުގީގުކޮށް، އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަބަދުވެސް އަޅާނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.