ވިޔަފާރި

ޓީފާގެ ދެވަނަ ޖޮއިންޓް ކައުންސިލް ބައްދަލުވުން ނިންމާލައިފި


ރާއްޖެ-އެމެރިކާ ޓްރޭޑް އެންޑް އިންވެސްޓްމެންޓް ފްރޭމްވޯކް އެގްރީމެންޓް، ޓީފާގެ ދެވަނަ ޖޮއިންޓް ކައުންސިލް ބައްދަލުވުން ނިންމާލައިފިއެވެ.

މާލޭގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެންމެ އިސް ބޭފުޅަކަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ހުންނެވިއިރު، އެމެރިކާއިން ވަޑައިގެންނެވި ވަފްދުގެ އެންމެ އިސްބޭފުޅަކަށް ހުންނެވީ ޓްރޭޑް ރެޕްރެޒެންޓޭޓިވް ކްރިސްޓޮފަރ ވިލްސަންއެވެ.

މިބައްދަލުވުމުގައި ޓިފާގެ ދަށުން ރާއްޖެއާއި އެމެރިކާއިން ކުރާ ވިޔަފާރީގެ އިތުރުން، ދެ ޤައުމުގެ ވިޔަފާރިވެރިން ގުޅުވާލަދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މިބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އެމެރިކާއާއި ރާއްޖޭގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާކަން ހާމަކުރެއްވިއެވެ. އަދި ވިޔަފާރީގެ ޚާއްސަ އިނާޔަތްތަކެއް ލިބޭ، އެމެރިކާގެ ޖެނެރަލައިޒްޑް ސިސްޓަމް އޮފް ޕްރިފަރެންސް ޕްރޮގްރާމުން ރާއްޖެއަށްވެސް އިނާޔަތްތަކެއް ހޯދުމަށްވެސް އިކޮނޮމިކް މިނިސްޓަރ އެދިވަޑައިގަތެވެ.

މިބައްދަލުވުމުގައި ފިކުރީ މުދާ ޙިމާޔަތްކުރުމާއި، ތިމާވެށީގެ މައްސަލަތަކާއި، މަސައްކަތްތެރިންގެ ހައްޤުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއިރު، މިކަންކަމުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވިއެވެ. މީގެ އިތުރުން ޑަބްލިޔު.ޓީ.އޯގެ ޓްރޭޑް ފެސިލިޓޭޝަން އެގްރިމަންޓްއާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރީގެ ކަންކަން ކުރިއަށްގެންދިއުމާ ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

ރާއްޖެއާއި އެމެރިކާގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރިއިރު 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއާއި އެމެރިކާއާ ދެމެދު ކުރެވުނު ވިޔަފާރީގެ މުޢާމަލާތްތައް ވަނީ 30 އިންސައްތަ އިތުރުވެފައެވެ.