ޚަބަރު

ގެއްލުނު ކުޑަކުއްޖާގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހާއި ޙިއްޞާކުރައްވައިފި


ކުޑަކުދިންގެ ހިޔާގެ ބެލުމުގެދަށުގައި ހުއްޓާ ގެއްލުނު 14 އަހަރުގެ ކުޑަ ކުއްޖާގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހާއި ޙިއްޞާކުރައްވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވަނީ ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ހުއްޓާ، މި މަހުގެ 18 ވަނަ ދުވަހު ގެއްލުނު ދަފްތަރު ނަމްބަރު 2997، ޝައިމް ޢަބްދުﷲ އާއި ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ވަޒީރުންގެ މަޖިލީހަށް އަރުވާފައެވެ.

ޝައިމް ގެއްލިފައިވަނީ ޖެންޑަރ މިނިސްޓްރީން ހަދަމުންދާ އެސެސްމެންޓެއް ހެދުމަށް ހިޔާގެ ބެލުމުގެ ދަށުގައި ވަގުތީ ގޮތުން ބަހައްޓާފައިވަނިކޮށް ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި އެ ކުއްޖާއަކީ އަމާން ހިޔާގައި މަރުކަޒު ކުރުމަށް ގެންދިޔަ ކުއްޖެއް ނޫންކަމަށާ، އެ ކުއްޖާ އަމާން ހިޔާގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވަނީ އެ ކުއްޖާއާ ގުޅިގެން ހުށަހެޅުނު މައްސަލައެއް ބަލަމުންދާތީ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޝައިމް ގެއްލިފައިވަނީ ވިލިނގިލީގައި ހުންނަ އަމާން ހިޔާގައި ބަލަހައްޓަމުން ދަނިކޮށެވެ.

ޝައިމް ގެއްލިގެން ފުލުހުން ހޯދަން ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ އެ ކުއްޖާ ހޯދުމަށް ބައެއް ގެތަކާއި ސީސީ ޓީވީ ފޫޓޭޖުވެސް ބަލާފައިވާކަމަށެވެ. އަދިވެސް ފުލުހުން ދަނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.