ޢިރާޤުގެ ވައިގެ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ އެމެރިކާގެ އަސްކަރިއްޔާގެ ކޭސީ-135 މަރުކާގެ ތެޔޮ އަޅައިދޭ މަތިންދާބޯޓެއް ވައްޓައިލައިފިއެވެ. އީރާނުން ވާގިވެރިވާ ކަމަށް ހުޅަނގުން ތުހުމަތު ކުރާ ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، 'އިސްލާމިކް ރެސިސްޓެންސް އިން ޢިރާޤް'އިން ވަނީ އެ މަތިންދާބޯޓަށް އަމާޒުކޮށް ވަރުގަދަ ހަމަލާއެއް ދީފައިވާނެ ކަމުގައި ބުނެ، މަތިންދާބޯޓު ވައްޓައިލުމުގެ ޒިންމާ އުފުލާފައެވެ. މި ހަމަލާއަކީ ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުން ދިން ޙަމަލާއެއް ކަމުގައި ވެސް އެ ޖަމާޢަތުން ބުނެއެވެ.
ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާގެ މައި އިދާރާއެއް ކަމުގައިވާ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމު)ން ވަނީ އެ ޖަމާޢަތުގެ ދަޢުވާ ދޮގުކޮށްފައެވެ. ސެންޓްކޮމުން ނެރުނު ބަޔާނެއްގައި ބުނީ، ބޯޓު ވެއްޓިފައި ވަނީ 'އޮޕަރޭޝަން އެޕިކް ފިޔުރީ'ގެ ނަމުގައި އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއިން ހިނގި އެކްސިޑެންޓެއްގައި ކަމުގައެވެ. އަދި، މިއީ ހަތިޔާރު އެޅި ޖަމާޢަތެއްގެ އެއްވެސް ހަމަލާއަކާ ގުޅުން އޮތް ހާދިސާއެއް ނޫން ކަމުގައެވެ. އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި މިއީ ދެ ބޯޓެއްގެ މެދުގައި ހިނގި އެކްސިޑެންޓެއްގެ ސަބަބުން ދިމާވި ހާދިސާއެކެވެ. ވެއްޓުނު މަތިންދާބޯޓުގައި މަދުވެގެން ތިން ފަޅުވެރިން ތިބޭނެ ކަމަށް ލަފާކުރެވޭއިރު، އެ މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، ހަނގުރާމަ ފެށުނުތާ ދެވަނައަށްވީ ދުވަހު ކުވަޔިތުގެ ވައިގެ ދިފާޢީ ނިޒާމުން އޮޅުމަކުން އެމެރިކާގެ އަސްކަރިއްޔާގެ އެފް-15އީ މަރުކާގެ ތިން މަތިންދާބޯޓު ވައްޓައިލާފައިވާ ކަން ވެސް ފާހަގަ ކުރެވެއެވެ. މި ހާދިސާތައް ހިނގާފައި މި ވަނީ، ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ހަނގުރާމައާ މެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ދާދިފަހުން ނެގި ޙިޔާލު ހޯދުމުގެ ވޯޓަކުން ދައްކާގޮތުގައި، އެމެރިކާގެ %53 މީހުން މި ހަނގުރާމައާ ދެކޮޅެވެ. އަދި އެއްގަމު މަގުން އީރާނަށް ސިފައިން ފޮނުވައިގެން ހަނގުރާމަ ފުޅާކުރުމަށް %74 މީހުން އިންކާރު ކުރެއެވެ.
އީރާނުން ވެސް ދަނީ، އެ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންނެވެ. އަދި، އެމެރިކާއާއި ޔަހޫދީންގެ އަމާޒުތަކަށް ރައްދު ހަމަލާތައް ދެމުންނެވެ. މި ހަނގުރާމައިގައި މިހާތަނަށް އެމެރިކާ ސިފައިންގެ އަށް މީހުން މަރުވެ، 140 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ. އަދި، ޔަހޫދީންގެ 15 މީހަކު މަރުވެފައިވާއިރު، އަމިއްލަ ދިފާއުގައި ހަނގުރާމަ ކުރަމުންދާ އީރާނުގެ 1,348 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. މުޅި، މެދުއިރުމައްޗަށް ފުޅާވެފައިވާ މި ހަނގުރާމައިގައި ގަލްފުގެ އެހެން ޤައުމުތަކުން ވެސް 17 މީހަކު ވަނީ މަރުވެފައެވެ.