ރާއްޖެއަށް އިތުރަށް ލިބޭ ކޯޓާ މިދިޔަ އަހަރު ލިބުނު މުއްދަތަށްވުރެ ކުރިން މިއަހަރު ހަމަޖެހޭނެކަމަށް ބެލެވޭކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ ސަޢޫދީ ސަރުކާރުން ދެވަނަ ބުރުގައި ކޯޓާ ދެނީ ފުރަތަމަ ބުރުގައި އެކި ސަބަބުތަކާހެދި ޙައްޖަށް ދިޔުމަށް ޤައުމުތަކަށް ދޫކޮށްފައިވާ ކޯޓާއަށް ހަމަވާ ވަރަށްވުރެ މަދުން ޤައުމުތަކުން ޙައްޖަށް މީހުން ދިޔުމަށް ނިންމުމާއެކު ބާކީވާ ކޯޓާގެ ފުރުޞަތުތަކުންކަމަށެވެ.
އެގޮތުން މިއަހަރުވެސް ރާއްޖެއަށް އިތުރު ކޯޓާ ހަމަޖެހޭނެކަމަށް ސަޢޫދީން ޔަޤީންކަން ދެއްވާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ކަނޑައެޅިގެން އިތުރު ކޯޓާ ހަމަޖެހޭނެ ތާރީޚެއް ދަންނަވަން ނޭނގޭކަމަށާ އުއްމީދަކީ މިދިޔަ އަހަރަށްވުރެ އަވަހަށް ކޯޓާ ހަމެޖެހި މީހުނަށް ޙައްޖަށް ދިޔުމުގެ ކަންކަން ފަހިވެގެން ދިޔުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސަޢޫދީން ރާއްޖެއަށް ކޮންމެ އަހަރަކުވެސް ރަސްމީކޮށްދެނީ 1000 ކޯޓާއެވެ. އަދި ފާއިތުވި އަހަރުތަކުގައި އިތުރު ކޯޓާގެ ގޮތުގައި 1000 ކޯޓާ ސަޢޫދީންވަނީ ދީފައެވެ. އެހެންނަމަވެސް މި ކޯޓާ ލަހުން ލިބުމާ ގުޅިގެން ފަހު ވަގުތު ޙައްޖަށް ދިއުމަށް ގިނަ ދަތިތަކެއް ފާއިތުވި އަހަރުތަކުގައި ދިމާވިއެވެ.