ޚަބަރު

އަބާ ވައިގެބަނދަރަށް ދިން ޑްރޯން ހަމަލާތައް ޕާކިސްތާނުގެ ސަރުކާރުން ކުށްވެރިކޮށްފި

ޔަމަނުގައި އެ ޤައުމުގެ ސަރުކާރާ ހަނގުރާމަ ކުރަމުންދާ އިދިކޮޅު ހޫޘީ ޖަމާޢަތުން، ސައުދީ ޢަރަބިއްޔާގެ ދެކުނުގައި އޮންނަ، އެ ޤައުމުގެ ސަރަހައްދީ އުދުހުންތަކުގައި ބޭނުންކުރާ އަބާ ވައިގެބަނދަރަށް އާދިއްތަ ދުވަހު ދިން ޑްރޯން ހަމަލާތައް ޕާކިސްތާނުގެ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޔަމަނުގައި ޙޫޘީންނާ ހަނގުރާމަކުރަމުންދާ ސަރަހައްދީ އިއްތިހާދުން ބުނެފައިވަނީ ހޫޘީ ޖަމާޢަތުން ދިން މި ހަމަލާގައި އެކަކު މަރުވެ އިތުރު އެކާވީސް މީހުން ޒަޚަމުވެފައިވާކަމަށެވެ. ޔަމަނާއި ސައުދީ ޢަރަބިއްޔާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ މި ވައިގެބަނދަރަށް ދިން ހަމަލާތައް އަމާޒުވެފައިވަނީ އެ ވައިގެބަނދަރުގެ ޕާކިންގް ލޮޓަށް ކަމަށާއި، މި ހަމަލާގައި މަރުވެފައިވަނީ ސައުދީ ޢަރަބިއްޔާގައި އުޅެމުންދާ ސޫރިޔާގެ ރައްޔިތެއް ކަމަށް ސައުދީގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާ ކުށްވެރިކޮށް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައުދީ އަރަބިއްޔާގެ ސަލާމަތާއި، ސަރަހައްދީ މިނިވަންކަމަށް ބުރޫއަރާފަދަ ކޮންމެ ހަމަލާއެއް ޕާކިސްތާނުން ކުށްވެރި ކުރާނެ ކަމަށާއި، މިފަދަ ހަމަލާތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް ޕާކިސްތާނުން ތާއީދުކުރާނޭކަމަށެވެ.

މި ހަމަލާތަކާ ބެހޭގޮތުން ހޫޘީ ޖަމާޢަތުން ބުނެފައިވަނީ ސައުދީ ޢަރަބިއްޔާއިން އިސްނަގައިގެން އެކުލަވާލާފައިވާ ސަރަހައްދީ އިއްތިހާދުން ޔަމަނުގެ ސަރަހައްދުތަކަށް އިތުރު ހަމަލާތައް ދެމުންދާނަމަ އާދިއްތަ ދުވަހުގެ ހަމަލާތަކަށް ވުރެ ވަރުގަދަ ހަމަލާތަކެއް އެ ޖަމާޢަތުން ސައުދީގެ އަމާޒުތަކަށް ދޭނެކަމަށެވެ.