ކުޅިވަރު

އިދިކޮޅު ޓީމްގެ ފެންވަރު ކަނޑައެޅުމަކީ އަހަރެންގެ ކޯޗިން ފިލޯސޮފީއެއް ނޫން - ސެކުލޯސްކީ


މެޗެއްގައި ދެކޮޅަށް ނިކުންނަ ޓީމުގެ ފެންވަރު ކަނޑައެޅުން އެއީ އޭނާގެ ފުޓުބޯޅަ ކޯޗިން ފިލޯސޮފީ ނޫން ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗް މަރްޔާން ސެކުލޯސްކޯ ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ނިލަންދޫ އާއި ދެކޮޅަށް މާޒިޔާ ނިކުންނަ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސެކުލޯސްކީ ބުނީ، ނިލަންދޫއަކީ ދެރަ ޓީމެއް ނޫން ކަމަށާއި އެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި މެޗުގައި ދެއްކި ކުޅުމުންވެސް އެކަން ހާމަވާ ކަމަށެވެ.

ކޯޗު ބުނީ އެޓީމުގައި މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި އެކު ކުލަބުތަކަށް ކުޅުނު މޮޅު ކުޅުންތެރިން އެބަތިބި ކަމަށާއި، އެޓީމުން ދަ ގްރާންޑޭ އާއި ދެކޮޅަށް ނެރުނު ނަތީޖާވެސް ގޯސް ނޫން ކަމަށެވެ.

ސެކުލޯސްކީ ބުނީ ކާމިޔާބީއަކީ ޓީމުގެ ބޮޑުކަމުން ނުވަތަ ނަމުން ލިބޭ އެއްޗެއް ނޫން ކަމަށާއި، ޓީމުގައި ފެންވަރު ރަނގަޅު ކިތަންމެ ބައިވަރު ކުޅުންތެރިން ތިއްބަސް ނަތީޖާއަކީ ދަނޑުމަތީގައި ދައްކާ ކުޅުމުން ލިބޭ އެއްޗެއް ކަމަށެވެ.

"ނިލަންދޫ އަކީ ދެރަ ޓީމެކޭ ބުނެވޭކަށްނެތް، އެންމެ ފަހުން ދަ ގްރާންޑޭ އާއި ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާއަށް ބަލަމާ، ނިލަންދޫ ކޮޅަށް ގޯލް ވަނީ މެޗުގެ އެންމެ ކުރީކޮޅު އަދި އެންމެ ފަހު ވަގުތު، ބާކީ މެޗުގެ 80 މިނެޓު އެޓީމުން ދަ ގްރާންޑޭ ހިފެހެއްޓި، އެހެންވީމަ އަހަރެމެންވެސް އެބަ ޖެހޭ ނިލަންދޫ އާއު ކުޅޭއިރު 100 ޕަސެންޓް ދައްކަން، އަނެއްކޮޅުން އަޅުގަނޑުގެ ފިލޮސޮފީއެއް ނޫން އެއީ އިދިކޮޅުން ކުޅޭ ޓީމުގެ ފެންވަރު ޖަޖް ކުރުމަކީ،" ސެކުލޯސްކީ ބުންނެވެ.

ސެކުލޯސްކީ ބުނީ ނިލަންދޫ އާއި ދެކޮޅަށްވެސް އޭނާގެ ޓީމުން ސަތޭކަ ޕަސެންޓު ދައްކަން ޖެހޭނެ ކަމަށެވެ.