ސިޔާސީ

ޖަލު އާއްމު ހާލަތަށް ގެނައުމަށް ޕެޕަރ ސްޕްރޭ ޖަހާ ބާރުގެ ބޭނުންކުރިން - ކަރެކްޝަންސް


ޖަލުގެ އާންމު މަސްލަހަތު ގެއްލެމުން ޤާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުންކޮށް ޖަލު ޢާއްމު ހާލަތަކަށް މިހާރު ގެނެސްފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނެފިއެވެ.

ކަރެކްޝަނަލް ސާރވިސް އިން ވަނީ ފުލުހުންނާއި ހޯމް މިނިސްޓްރީ އާއި އެޗްއާރުސީއެމްގެ ޙާޒިރުގައި މާފުށީ ޖަލު ފާސްކޮށް ޖަލަށް ވެއްދުން މަނާ ގިނަ ޢަދަދެއްގެ ތަކެތި ހޯދާފައެވެ. އަދި ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ޖަލުގެ ޙާލަތު ގޯސްވެ ޖަލުގެ އޮފިސަރުންނާއި ޤައިދީންނާއި ދެމެދު ކުރިމަތިލުންތަކެއްވެސް ވަނީ ހިނގާފައިވެއެވެ. އަދި ރޭ ހިނގި ހަމަނުޖެހުންތަކުގައި ބައެއް ޤައިދީންނަށް އަނިޔާކޮށްފައިވާކަމަށް ބުނާ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މި މައްސަލައާއި ގުޅިގެން ކަރެކްޝަނަލް ސާރވިސް އިން ނެރުނު ބަޔާނެއްގައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން އެ ޖަލުގައި ތިބި ބައެއް ޤާއިދިންނާއި ބަންދު މީހުން ޖަލު އޮފިސަރުންނަށް ތަކުރާރުކޮށް ގޯނާކުރުމާއި ޖަލު އޮފިސަރުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާކަމަށެވެ. އަދި ޖަލުގެ ގަވާއިދުތަކަށް ބޯ ނުލަނބައި، ރޭގަނޑު ގޮޅިތަކަށް ވަންނަށް ޖެހޭ ގަޑިއަށް ވަންނަށް އިންކާރު ކުރުމުން، އެ މީހުންނަށް ތަކުރާރުކޮށް ނަސޭޙަތްތެރިވެ އިންޒާރު ދިނުމުން ވެސް ކިޔަމަންތެރިވެފައި ނުވާކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.

މުޅި ޖަލުގެ އާއްމު މަސްލަހަތު ގެއްލެމުން ދާތީ، ޤާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުންކޮށް ނުކިޔަމަންތެރިވި ހުރިހާ ޤައިދީން އެ މީހުންގެ ތިބެން ޖެހޭ ގޮޅިތަކަށް ރޭ ވައްދާފައިވާކަމަށް ކަރެކްޝަންގެ ބަޔާނުގައިވެއެވެ. މި އޮޕަރޭޝަން ހިންގަން ފެށުމުން ގިނަ ޤައިދީން ވަނީ އަމުރަށް ކިޔަމަންތެރިވެ، ގޮޅިތަކަށް ވަދެފައިކަމަށާއި، އޮފިސަރުންގެ އަމުރަށް ނުކިޔަމަންތެރިވެ ގޮޅިތަކަށް ވަންނަށް ދެކޮޅޫ ހެދި ޤައިދީން ގޮޅިތަކަށް ވައްދަން ކުރި މަސައްކަތުގައި ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާކަމަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބުނެއެވެ. މި އޮޕަރޭޝަން ހިނގަމުން ދިޔަ ގޮތް ފެށުނީންސުރެއް ނިމެންދެން ވީޑިއޯ ކޮށްފައިވާނެކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގަން ފަށާފައިވަނީ މި ދިޔަ ބުރާސްފަތިދުވަހުއެވެ. މި ހަމަނުޖެހުންތައް ފެށުނީ ރިމާންޑް ޖަލުގައި ހުރި ޤައިދީއަކު ޖަލަށް ވެއްދުން މަނާ އެއްޗެއް ޖަލަށް ވައްދަން ބުނުމުން ޖަލު ބަލަހައްޓާ އޮފިސަރު އެކަމާއި ދެކޮޅު ހެދުމުންނެވެ.
އަދި އެކަމާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި ޖަލު އޮފިސަރަށް 16 އިންޗި ހުރި ދަނގަޑު ބުރިއަކުން ޤައިދީއަކު ހަމަލާދީފައިވެއެވެ. އަދި މި ހަމަނުޖެހުން ކޮންޓްރޯލްކުރަން ޖަލު ބަލަހައްޓާ އޮފިސަރުންތަކެއް ޤާނޫނީ އިމުގެ ބޭރުން 6 ޤައިދީއަކަށް އަނިޔާކޮށް ބާރުގެ ބޭނުންކޮށްފައިވެއެވެ.