ވިޔަފާރި

ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދޫކުރަނީ


ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ މިހާތަނަށް ދޫކޮށްފައިވަނީ މާލެ ސިޓީންނެވެ. އެގޮތުން މާލެ ސިޓީގައި ވިޔަފާރިކުރާ 17 ފަރާތަކަށް ވަނީ 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދިނުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް މަރްޔަމް ވިސާމް ވިދާޅުވީ ހުޅުމާލެއިންވެސް 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދޫކުރުމަށްޓަކައި މަސައްކަތްތައް ކުރަމުންދާ ކަމަށެެވެ.

" ހުޅުމާލެ ސަރަޙައްދުގައި 24ގަޑިއިރު، ހުޅުވުމުގެ މަސައްކަތް އެބަކުރިއަށް ގެންދަން، އެދޭ މިންވަރަކުން، ޤަވާއިދުގައި އެބަ ބުނޭ ފުރިހަމަ ކުރަންޖެހޭ ކަންތައްތައް، އެހެންވީމަ އިންސްޕެކްޝަންތައް ނިމޭހާ އަވަހަކަށް ގާތްގަޑަކަށް 7 ދުވަސްތެރޭ ހުއްދަތައް ދޫކުރެވޭ،" ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ މިމަސް ނިމުމުގެ ކުރިން ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރާނެ ކަމަށެވެ.

މިހާތަނަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ މިހާތަނަށް ދޫކޮށްފައިވަނީ މާލެ ސިޓީގައި ހިންގާ 6 ފިހާރައަކަށާއި 11 ކެފޭ ރެސްޓޯރެންޓަށެވެ.

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދެނީ ވަކި ޝަރުތުތަކެއް ހަމަވާ ތަންތަނަށް އެކަންޏެވެ. އެގޮތުން ތަންތަނުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ތަނުގެ އެތެރެ ސާފުކޮށް ފެންނަ ގޮތަށް ހުރުމާއި، 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނަކަށްވުން ހިމެނެއެވެ.

މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދޭ ސަރަހައްދުތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގު، ކަނބާ އައިސާރަނި ހިނގުމާއި ފަރީދީމަގާއި ސޯސަންމަގާއި މެދުޒިޔާރަތްމަގު ހިމެނެއެވެ. މީގެ އިތުރުން ޖަނަވަރީމަގާއި މަޖީދީމަގާއި ބުރުޒުމަގާއި އޯކިޑުމަގާއި އަމީނީމަގާއި ލޮނުޒިޔާރަތްމަގުވެސް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަދޭ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެއެވެ.