ވިޔަފާރި

ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އިންޑިއާގައި ރޯޑް ޝޯއެއް


ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި، " ޖާރނީ ޓު ދަ ސަނީ ސައިޑް"ގެ ނަމުގައި އިންޑިއާގައި ރޯޑް ޝޯއެއް ފަށައިފިއެވެ. މި ހަރަކާތުގައި އެމް.އެމް.ޕީ.އާރު.ސީ އާއެކު ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 25 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

މިއީ މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ގެ ފަރާތުން ރާއްޖޭ ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށްޓަކައި އިންތިޒާމްކޮށް ކުރިއަށް ގެންދާ ސިލްސިލާގެ ތިންވަނަ ރޯޑް ޝޯއެވެ. މި ރޯޑް ޝޯ ކުރިއަށްދާނީ އިންޑިއާގެ ބެންގަލޫރު، މުމްބާއީ، ކޮލްކަތާ، ނިއު ދިއްލީ އަދި ޗާންދިގަރުގައި މި މަހުގެ 24 ން 28 ގެ ނިޔަލަށެވެ.

މި ރޯޑް ޝޯ ގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތައް އިންޑިއާގެ އޮޕަރޭޓަރުންނާއި ބައްދަލުކޮށް ރާއްޖެ އިތުރަށް އިސްތިހާރުކުރުމަށް މަސައްކަތްކުރާނެއެވެ. އަދި މި ރޯޑް ޝޯ ކުރިޔަށްދާ ސިޓީތަކުގައި ލަކީ ޑްރޯއެއް ބާއްވާ ގުރުއަތުން ހޮވޭ ދެ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދިނުމަށްވަނީ ހަމަޖެހިފައެވެ. މި ޗުއްޓީ ދަތުރުތައް ސްޕޮންސަރ ކޮށްފައިވަނީ ޝަންގްރީލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ގެ ފަރާތުންނެވެ.

މި ވަފުދުގެ އެންމެ އިސް ބޭފުޅުންގެ ގޮތުގައި ވަޑައިގެންނެވީ އެމް.އެމް.ޕީ.އާރް.ސީ ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ނީޝާ މުހަންމަދު ޝާހިދެވެ. " ޖާރނީ ޓުދަ ސަނީ ސައިޑް" ސިލްސިލާގެ މި ރޯޑް ޝޯތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ފުރިހަމަ ތަރުހީބެއް ލިބިފައިވާ ކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިންޑިއާ އިން ރާއްޖެއައް އައި ފަތުރުވެރިންގެ ނިސްބަތް ވަނީ ފާއިތުވި ތިން އަހަރު އިތުރުވެފައެވެ. މިދިޔަ އަހަރު އިންޑިއާ އިން ރާއްޖެއަށް އައި ފަތުރުވެރިންގެ ނިސްބަތް 9 އިންސައްތަ އިތުރުވެފައި ވެއެވެ.

މި އަހަރުގެ މެއިމަހުގެ ނިޔަލަށް 8.8 އިންސައްތައިގެ ޙިއްސާ އަކާއިއެކު އިންޑިޔާ އޮތީ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުގެ ގޮތުގައެވެ. އެމް.އެމް.ޕީ.އާރް.ސީ އިން ވަނީ ރާއްޖެ އިޝްތިހާރުކުރުމަށް ޓަކައި އިންޑިއާގައި ގިނަ ހަރަކާތް ތަކެއް ކުރިއަށްގެންދިޔުމަށް ރާވާފައެވެ.