ވިޔަފާރި

300 އަށް ވުރެ ގިނަ ބައިވެރިންނާއެކު އައިއެމްޓީއެމް މާދަމާ ފަށަނީ


300 އަށް ވުރެ ގިނަ ބައިވެރިންނާއި އެކު އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް ( އައިއެމްޓީއެމް 2019 ) މާދަމާ ފަށާނެއެވެ. ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ މި ހަރަކާތް ކުރިއަށްދާނީ ފަރުކޮޅުފުށީގައެވެ.

"އައިއެމްޓީއެމް 2019" އަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ވިޔަފާރި ބޭރުގެ ފަރާތްތަކަށް އިސްތިހާރުކުރުމަށް ކުރިއަށްގެންދާ ފެއާއެކެވެ. މިފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ލޯކަލް ގެސްޓް ހައުސްތަކާއި ރިސޯޓްތަކާއި ޑައިވް ސެންޓަރުތަކާއި، ލޯކަލް ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުން ބައިވެރިވާނެއެވެ.

މިއީ އައިއެމްޓީއެމް ބާއްވާ ދެވަނަ އަހަރެވެ. މިއަހަރުގެ ފެއަރ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކަށް ފަސޭހަކަމާއި އެކު ހެޔޮ އަގުތަކުގައި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ މި ހަރަކާތުގައި މިއަހަރު ބޭރުގެ 69 ޓުއަރ އޮޕަރޭޓަރުން ބައިވެރިވާނެއެވެ. އަދި ރާއްޖޭގެ 60 ރިސޯޓުންނާއި 100 އަށްވުރެ ގިނަ ގެސްޓްހައުސްއިން ބައިވެރިވާނެކަމަށް މި އައިއެމްޓީއެމް އިންތިޒާމްކުރާ އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.

މިދިޔަ އަހަރުގެ އައިއެމްޓީއެމް ފެއާ ބާއްވާފައިވަނީ، އަދާރަން ސިލެކްޓް ހުދުރަން ފުށީގައެވެ. އެ ފެއާގައި ރާއްޖޭގެ 330 ކުންފުންނަކުން ބައިވެރިވެފައިވާއިރު، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ގިނަ ކުންފުނިތަތަކުން ވަނީ ބައިވެރިވެފައެވެ.