ޚަބަރު

އާ ހޮސްޕިޓަލަށް ބޭނުންވާ އެމްއާރްއައި މެޝީން އައްޑުއަށް


އައްޑޫ އާ ހޮސްޕިޓަލަށް ބޭނުންވާ އެމްއާރްއައި މެޝިން އައްޑުއަށް ގެނެސްފިއެވެ.

މިމެޝިން އައްޑުއަށް ގެނެސްފައިވަނީ، ދުނިޔޭގެ މުދާ އުފުލާ އެންމެ ބޮޑު އެށް މަތިންދާ ބޯޓު ކަމަށްވާ އެންޓޮނޯވް އޭ.އެން 124 މަރުކާގެ މުދާ އުފުލާ މަތިންދާ ބޯޓުގައި މިއަދު ފަތިހު 5:00 ޖަހައި އެހާކަންހާއިރުއެވެ. ދިވެހި ސަރުކާރުން ޗާޓަރު ކޮށްގެން އައި މި ބޯޓު ގަމަށް އައިސްފައިވަނީ ސީދާ ދުބާއީންނެވެ. މިބޯޓު މުދާ ބޭލުމަށް ފަހު ފުރާނީ މިރޭ 7:00 ޖަހާއިރު ކަމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން ބުނެއެވެ.

ހޮސްޕިޓަލްގައި މިހާރު ކުރަމުންދަނީ މެޝިނަރީސް އިންސްޓޯލް ކޮށް ނިންމުމުގެ މަސައްކަތް ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިހޮސްޕިޓަލް އޮގަސްޓް މަހުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

އައްޑޫގައި ތަރައްޤީ ކުރަމުން އަންނަ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުން އެމްއާރްއައި، ސީޓީ ސްކޭން ފަދަ މުހިންމު ޓެސްޓުތަށް ހެދޭނެ ގޮތަށް ތަރައްޤީ ކުރަމުންދާ ހޮސްޕިޓަލެކެވެ. މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އަންނަ ސީރިއަސް ކޭސްތަކުގައި މިފަދަ ޓެސްޓުތައް ހެދެން ނެތުމުން މާލެއަށް ފޮނުވާލަން ޖެހުމާއި ގުޅިގެން އައްޑޫގެ ސިއްޙީ ނިޒާމުގެ ހާލަތާއި މެދު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.