ސިޔާސީ

ލުތުފީ ހައްޔަރުކޮށްފި ރާއްޖެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން - ފުލުހުން


ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ ހ. ހާޖަރާގޭ ޢަބްދުﷲ ލުތުފީ މިވަގުތު ހުރީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލެހެއްޓުމުގެ ދަށުގައި ކަމަށެވެ. ފުލުހުންގެ ބަޔާނުގައި ވަނީ ލުތުފީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް މިިދިޔަ މަހުގެ 1 ވަނަ ދުވަހު ހާޒިރުވުމުންކަމަށެވެ.

ފުލުހުން ވިދާޅުވީ 2010 ޖެނުއަރީ 16 ވަނަ ދުވަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން، އެނބުރި އައިސްފައި ނުވާތީވެ އޭރުގެ ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްގެ ފަރާތުން 26 މާރޗް 2012 ވަނަ ދުވަހު ލުތުފީ ހޯދުމަށްފަހު ހުކުމް ތަންފީޛު ކުރުމަށްޓަކައި އެޑިޕާޓްމެންޓާއި ހަވާލުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ ޢަބްދުﷲ ލުތުފީ ހޯދުމަށްޓަކައި ފުލުހުންގެ މުޢައްސަސާއަށް އެވަގުތަށް ކުރެވެން ހުރި މަސައްކަތްކޮށް އޭނާ ހޯދުމުގައި ބައިނަލްއަޤުވާމީ އެހީތެރިކަން ހޯދުމަށް އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށްކަމަށެވެ. ފުލުހުން ވިދާޅުވީ ކޮލަމްބޯގައި ހުންނަ ދިވެހި އެމްބަސީ އާއި ސްރީލަންކާގެ ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ލުތުފީ ރާއްޖެއަށް އަނބުރާ ގެނައުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިވަގުތު ކޮލަމްބޯގައި ޢަބްދުﷲ ލުތުފީ ބަލަހައްޓަމުން ދަނީ ދިވެހި ފުލުހުން ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ލުތުފީ އިސްކޮށް ހުރެ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރާ 3 ނޮވެމްބަރ 1988ގައި ދިން އުދުވާނީ ހަމަލާގައި ކުށެއް ނެތް 19 ދިވެހިން ވަނީ ޝަހީދުކޮށްލާފައެވެ. މި މައްސަލާގައި ލުތުފީ މަރަން ކޯޓުން ހުކުމްކުރިއެވެ. އެހެންނަމަވެސް ރައީސް މައުމޫން ނޮވެމްބަރު ތިނެއްގައި މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު ލުއިކޮށްދެއްވާ އެ އަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ބަދަލުކޮށްދެއްވިއެވެ.

ލުތުފީ ފިލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބޭސްފަރުވާއަށް ރާޢްޖެއިން ބޭރަށް ފޮނުވުމުންނެވެ. ނޮވެމްބަރު 3 ގެ އުދުވާނުގައި ލުތުފީއާއި އެކު ދެން އެންމެ އިސްކޮށް އުޅުނު ސަގަރު އަހްމަދު ނާސިރަށް ވެސް އިއްވާފައިވަނީ އުމުރުދުވަހުގެ ޖަލު ހުކުމެކެވެ. ރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރުކަމުން މި މުއްދަތު ހަމަވުމުން 2014 ވަނަ އަހަރު ސަގަރު އަހްމަދު ނާސިރު ވަނީ މިނިވަންވެފައެވެ.