ސިޔާސީ

ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތަށް ބޭރުގެ މާހިރެއް ގެންނަނީ


ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ޤާބިލްކަން ވަޒަން ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ނިންމާ، އެކަމުގައި ބޭރުގެ ކޮންސަލްޓަންޓެއްގެ އެހީތެރިކަން ހޯދުމަށް ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަންގެ ޑިރެކްޓަރ ހަސަން ޒަހީން ވިދާޅުވީ ޖޭއެސްސީގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެންބަރުން އެކި މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައިވާ މައްސަލާގައި ގޮތެއް ނިންމާފައިވާ ކަމަށް ޒަހީން ވިދާޅުވިއެވެ.

އެގޮތުން ޒަހީން ވިދާޅުވީ އެ މައްސަލާގައި ކޮމިޝަންގެ މެންބަރުން ނިންމީ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލްކަން ވަޒަން ކުރުމުގެ ގަވާއިދެއް މިހާރުވެސް އެކުލަވާލާފައިވުމާއި އެކުގައި ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށް އެ ކޮމިޝަނުން ތައްޔާރުވަމުންދާ ކަމަށާއި އެގަވާއިދުގެ ދަށުން އެއްވެސް ފަނޑިޔާރަކު އިސްތިސްނާ ނުވާނެ ކަމަށް ޒަހީން ވިދާޅުވިއެވެ. ޒަހީން ވިދާޅުވީ އެކަމުގައި ބޭރުގެ މާހިރެއްގެ އެހީތެރިކަން ހޯދަން ނިންމީ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލްކަން ބެލުމަކީ ރާއްޖޭގައި މުޅިން އަލަށް ކުރާ ކަމަކަށްވާތީ ކަމަށެވެ.

"އެހެންވީމަ މިކަން ބޭރުގެ ކޮންސަލްޓަންޓެއްގެ އެހީ ހޯދައިގެން އެކަން ކުރިއަށް ގެންދިއުން އެއީ މުހިއްމު ކަމެއް ކަމަށް އެބޭފުޅުންނަށް ފާހަގަކުރެވުނު. މިގޮތުން ކޮންސަލްޓަންޓެއްގެ އެހީ ހޯދައިގެން މިކަން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި. އަދި އެބޭފުޅުންގެ ފަންނީ ލަފާ ހޯދައިގެން ވީހާވެސް އަވަހަކަށް މިކަން ކުރުމަށް ވަނީ ނިންމާފައި،" ޒަހީން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުފައްކަމުން އެ ކޮމިޝަންގެ ޑިރެކްޓަރު މޫމިނާ އުމަރު ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލްކަން ވަޒަން ކުރުމުގެ ގަވާއިދެއް 2104ވަނަ އަހަރުގެ ތެރޭގައި އެކުލަވާލެވުނު ކަމަށެވެ. ނަމަވެސް އެ ގަވާއިދަށް މިހާތަނަށްވެސް އަމަލު ކުރެވިފައި ނުވާކަން މޫމިނާ ފާހަގަކުރެއްވިއެވެ. މޫމިނާ ވިދާޅުވީ ބޭރުގެ މާހިރެއް ގެނައުމަށް ނިންމީ އެ ގަވާއިދަށް އަމަލު ކުރުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ޖޭއެސްސީގެ މެމްބަރުން މި މަހުގެ 14 ވަނަ ދުވަހު ހާޒިރު ކުރުމުން ވަނީ ފަނޑިޔާރުންގެ ފެންވަރު ބެލުން 2014 ވަނަ އަހަރު ސްޕްރީމް ކޯޓުން ފޮނުވި ސިޓީއަކާ ގުޅިގެން ހުއްޓިފައިވާ ކަމަށް ބުނެފަ އެވެ. ޖޭއެސްސީގެ ނައިބު ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ހުންނަވާ މެމްބަރު މަސްތޫރު ހުސްނީ އެ ކޮމިޓީގައި ވިދާޅުވީ، ފަނޑިޔާރުންގެ ފެންވަރު ބެލުން ސްޕްރީމް ކޯޓުން ހުއްޓުވި ނަމަވެސް އެކަން އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަސްތޫރުގެ ވާހަކަ އާ ގުޅިގެން އެރޭގެ ބައްދަލުވުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް މަޖިލީހުގެ ކޮމިޓީގައި ވިދާޅުވީ، ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ޖޭއެސްސީ އަށް ނުކުރެވޭނެ ކަމަށް އަންގައި ސްޕްރީމް ކޯޓުން ސިޓީ ފޮނުވީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށެވެ.

ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ޖޭއެސްސީ އަށް މަތިކޮށްފައި ވަނީ ފަނޑިޔާރުންގެ ގާނޫނުގެ 56 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ބުނަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު، ޖޭއެސްސީން ފަނޑިޔާރުންގެ ފެންވަރު ބަލަން ޖެހޭނެ ކަމަށެވެ.