އދ މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާންގެ ސަސްޕެންޝަން އުވާލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޞައްޙަ ނޫން ކޯޓު އަމުރެއް ނެރެގެން ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކޮށް، ރަހީނު ކުރަން އުޅުމުގެ ތުހުމަތުގައި ދައުލަތުން ވަނީ ނިހާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. މި ދައުވާ ސާބިތުވެ އެނާ 17 އަހަރަށް ޖަލަށްލުމަށް ކުރިމިނަލްކޯޓުން ހުކުމްކުރިއެވެ. އެހެންނަމަވެސް ހައިކޯޓުންވަނީ އެ ހުކުމް މިދިޔަ ނޮވެމްބަރު މަހުގެތެރޭގައި ބާތިލުކޮށްފައެވެ. އެ މައްސަލާގައި ނިހާން ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމީ 2016ވަނަ އަހަރުގެ ތެރޭގައެވެ.
ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ގާޒީ ނިހާން ސަސްޕެންޑްކުރީ ފުލުހުން އޭރު ބަލަމުންދިޔަ މައްސަލައަކާއި ގުޅިގެންކަމަށެވެ. އެހެންނަމަވެސް އޭރު ގާޒީ ނިހާންގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުން ބާތިލުކޮށްފައިވާކަމަށާއި ނިހާންގެ ސަސްޕެންޝަނާއި ގުޅޭގޮތުން މިހާތަނަށް ގޮތެއް ނުނިންމާ އޮތީ ހައިކޯޓްގެ ހުކުމްގެ އިސްތިއުނާފު މަރުހަލާ ނުނިމޭތީކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ އިސްތިއުނާފު ނުކުރަން ޕްރޮސެކއިުޓަރ ޖެނެރަލް ނިންމާފައިވާކަން އެ ކޮމިޝަނަށް އަންގަވާފައިވާކަމަށް ޒަހީން ވިދާޅުވިއެވެ.
" އަޅުގަނޑުމެން މަޑުކޮށްގެން ތިބީ ޕްރޮސިކިއުޓަރ ޖެނެރަލް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރޭތޯ ބަލަން. އަޅުގަނޑުމެންނަށް މިހާރު ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި މިކަން އިލްތިމާސް ނުކުރާނެ ކަމަށް ނިންމާ އެކަމުގެ ސިޓީއެއް ލިބިފައި. އެހެންވެ މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނުން ނިންމީ ނިހާން ސަސްޕެންޑުގައި ހުރި ހުރުން ނިމުމަކަށް ގެންނަން،" ޒަހީން ވިދާޅުވިއެވެ.
ޒަހީން ވިދާޅުވީ ނިހާނުގެ ސަސްޕެންޝަން އުވާލި ނަމަވެސް ޖޭއެސްސީން އޭނާގެ ސުލޫކީ މައްސަލަ ތަހުޤީގުކުރާނެ ކަމަށެވެ.