ޚަބަރު

އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަލާން ހުޅުވާލާފައި މިވަނީ ކޮމިޝަންގައި މިހާރު ތިއްބެވި ެމްމބަރުންގެ ދައުރު ހަމަވާތީއެވެ.

ރައީސް އޮފީހުން ވަނީ އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

އެސީސީގެ މެމްބަރުންގެ ޝަރުތުތަކުގެ ތެރޭގައި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން ހިމެނެއެވެ. އަދި މަކަރާއި ޙީލަތް ހެދުމުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށްވެސް ނުވުމަކީ ޝަރުތެކެވެ. މީގެއިތުރުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއްއަހަރަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކަށް ނުވުމާއި އެ ހުކުމް ތަންފީޒުކޮށް ނިމުމުތާ އެއް އަހަރުވެފައިވާ މީހަކަށްވެސް ވާންޖެހެއެވެ.

އޭސީސީގައި މިހާރު ތިއްބެވި މެމްބަރުން އެ މަޤާމަށް އައްޔަންކުރެއްވީ 2014 ވަނަ އަހަރުއެވެ. މި މެމްބަރުންގެ ދައުރު ހަމަވާނީ އަންނަ ސެޕްޓެމްބަރު މަހަށެވެ.

އޭސީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒް ރަޝީދާއި ޞަފްވަތު މުޙައްމަދާއި ޔަޒްމީދު މުޙައްމަދާއި އާމިނަތު މިންނާއެވެ. މި މެމްބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސް މުސާރަ ނަންގަވާ ކޮމިޝަނަށް ހާޒިރު ނުވާތާ އެތައް ދުވަހެއްވަނީ ވެފައެވެ.