ޚަބަރު

ސުންގަޑި ހަމަވިއިރު ލޯނަށް 900 ދަރިވަރުން ކުރިމަތިލައިފި


މަތީ ތަޢުލީމާއި ތަމުރީނުގެ ލޯނަށް އެދުމުގެ ސުންގަޑި ހަމަވިއިރު 900 އަށްވުރެ ގިނަ ދަރިވަރުން ލޯނަށް އެދި ހުށައަޅާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ލޯނަށް އެދުމަށް ހުޅުވާލި ފުރުސަތު ހަމަވީ މިއަދު މެންދުރު 13:30 ގައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ވަގުތު ހަމަވިއިރު 960 ދަރިވަރުން ފޯމް ހުށައަޅާފައިވާކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް ފޯމުތައް އިވެލުއޭޓްކޮށް ލޯނު ލިބުނު ދަރިވަރުން ކަނޑައަޅާނެކަމަށެވެ.

މަތީ ތަޢުލީމުގެ ފުރުސަތަށް މާޗުމަހު ހުޅުވާލި ފުރުސަތުގައިވެސް 900 އަށްވުރެ ގިނަ ކުދިން ވަނީ ކުރިމަތިލާފައެވެ. އެހެންނަމަވެސް އެޕްލިކޭޝަންތަކުގައި ގިނަ މައްސަލަތަކެއް ހުރުމުގެ ސަބަބުން ގިނަ ފޯމްތަކެއް ބާތިލުކުރުމުން ލޯން ލިބިފައިވަނީ ހަމައެކަނި 79 ދަރިވަރުންނަށެވެ.

ސަރުކާރުން މަތީ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލީ ޖުމްލަ 242 ޖާގައަށެވެ. އެހެންނަމަވެސް ފުރަތަމަ ހުޅުވާލި ފުރުސަތުގައި 79 ފަރާތަކަށް ފުރުސަތު ކަށަވަރުވެފައިވާތީ ދެވަނަ ބުރުގައި ހުޅުވާލީ ބާކީ 163 ޖާގައަށެވެ.

ހަޔަަރ އެޑިއުކޭޝަން މިނިސްޓްރީން އަލުން ލޯނަށް ހުޅުވާލީ ކޮންމެ ޤައުމަކަށްވެސް ކިޔަވަންދެވޭނެގޮތަށް އުސޫލު އިސްލާހުކުރުމަށްފަހުއެވެ.