ޚަބަރު

ޕެންޝަން ސްކީމް މެދުވެރިކޮށް މިއަހަރު ޙައްޖަށް ދެވޭ 20 މީހުން އެބަތިބި


ޕެންޝަން ސްކީމް މެދުވެރިކޮށް މިއަހަރު ޙައްޖަށް ދެވޭ 20 މީހުން އެބަތިބިކަމަށް ޙައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ ޕެންޝަން ސްކީމް މެދުވެރިކޮށް މިއަހަރު ޙައްޖަށް ދެވޭ 20 މީހުން ތިބިއިރު، ސްކީމްގެ ދަށުން ޙައްޖަށް ދާން ބޭނުންވާ ފަރާތްތަކަށް އަންނަ ބުދަދުވަހުން ފެށިގެން އެފުރުސަތު ހުޅުވާލާނެކަމަށެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ ޕެންޝަން ސްކީމްގެ ދަށުން ޙައްޖަށް ދެވޭ 20 މީހުން ތިބިއިރު، އެފަރާތްތަކުން ވަނީ މިއަހަރު ޙައްޖަށް ދިއުމަށް އެ ކޯޕަރޭޝަނަށް ފައިސާ ދައްކާފައިކަމަށެވެ. އެހެންކަމުން އެފަރާތްތަކުން ހުށަހަޅަންޖެހޭ ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭ ފޯމްތައް ހުށަހެޅުމުން އެމީހުންނަށް އަނބުރާ ފައިސާ ދޫކުރާނޭކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ ޕެންޝަން ސްކީމް މެދުވެރިކޮށް ޙައްޖަށް ދިއުމަށް ބޭނުންވާ ފަރާތްތަކުން ޕެންޝަން އޮފީހުން ޤާއިމުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ސްކީމުގައި ބައިވެރިވުމުގެ ފުރުސަތު ބުދަ ދުވަހު ހުޅުވާލާނޭކަމަށެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ ކުރިއަށް އޮތް އަހަރުތަކުގައި ޙައްޖަށް ދިއުމަށް ގިނަ އަދަދެއްގެ ބަޔަކު އެކޯޕަރޭޝަނުގައި ނަން ނޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޕެންޝަން ސްކީމް މެދުވެރިކޮށް ޙައްޖަށް ދިއުމަށް ޝަރުތު ހަމަވާ ފަރާތްތަކުން އެކަން ޙައްޖު ކޯޕަރޭޝަނަށް ހުށަހެޅުމުން އެކަން ހަމަޖެހޭނޭކަމަށެވެ.

ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ޕެންޝަން އޮފީހުން ވިދާޅުވީ ޕެންޝަން ސްކީމުން ޙައްޖަށް މީހުން ގެންދިއުމަށް ޙައްޖަށް މީހުން ގެންދާ ޖަމާޢަތްތަކާއެކު މަޝްވަރާތައް ބޭއްވިފައިވާކަމަށެވެ. ނަމަވެސް މިކަމަށް އެއްބަސްވީ ހަމައެކަނި ޙައްޖު ކޯޕަރޭޝަނުންކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.