ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލަކީ ހައްލެއް ނޫން - މިނިސްޓަރ އަމީން


ގްރޭޓަރ މާލެ ސަރަޙައްދުގެ ސިއްޙީ ކަންކަން ޙައްލުކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލަކީ ޙައްލެއްކަމަށް ޤަބޫލުނުކުރައްވާކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަމީން ވިދާޅުވީ ސިއްޙީ ދާއިރާގައި ހުރި ގޮންޖެހުންތައް
ހައްލުނުކުރެވުނުނަމަވެސް ދަރުމަވަންތަ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމަޢީ ކޮމިޓީއަށް ހާޒިރުކޮށް އެ ކޮމެޓީގެ މެމްބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ ގްރޭޓަރ މާލެ ސަރަޙައްދުގެ ސިއްޙީ މައްސަލަތައް ޙައްލުކުރުމަށް އެންމެ އެކަށޭނެ ޙައްލަކީ ދަރުމަވަންތަ ހޮސްޕިޓަލްކަމަށް ޤަބޫލުނުކުރައްވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށްދާ ދުވާލަކު ޒިޔާރަތްކުރާ 4000 އަށްވުރެ ގިނަ މީހުނަށް ޚިދުމަތް ދެވޭނެ ކެޕޭސިޓީ ދަރުމަވަންތަ ހޮސްޕިޓަލުގައިވެސް ނެތްކަމަށެވެ. އެހެންނަމަވެސް އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނެކަމަށް ޔަގީންކުރައްވާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލަކީ އެއްވެސް ވަރަކަށް އެ މިނިސްޓްރީ އާއި މަޝްވަރާކުރެވިގެން ޢިމާރާތްކޮށްފައިވާ ހޮސްޕިޓަލެއް ނޫންކަމަށާއި އެކަން ހިނގާފައިވާ ގޮތެއް މިނިސްޓްރީން ބަލަމުން އަންނަކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކޮމިޓީ ބައްދަލުވުމުގައި މެމްބަރުންވަނީ ސިއްޙީ ދާއިރާއަށް ބޭނުންވާ ތަކެތި ހޯދުމަށް ބިޑު ކުރުމެއްނެތި އެސްޓީއޯއާއި ހަވާލުކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ މިނިސްޓަރ އަމީނާއި ސުވާލުކުރައްވާފައެވެ. އެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ 2014 ވަނަ އަހަރު ސަރުކާރުންވަނީ ސިއްޙީ ދާއިރާއަށް ބޭނުންވާ މެޑިކަލް ކޮންޒިއުމަބްލްސް ނުވަތަ ވަޞީލަތްތައް އެސްޓީއޯ މެދުވެރިކޮށް ގަތުމަށް އެއްބަސްވުމެއް އެކުލަވާލާފައިކަމަށެވެ. އަދި ބިޑްކުރުމުގެ ކަންކަން ރަގަޅުކޮށް އެކަމާއި ގުޅޭ އުސޫލެއް އަދި އެކުލަވާލެވިފައިނުވާކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މުޅި ރާއްޖޭގެ ސިއްޙީ ނިޒާމުގައިވެސް ބޮޑެތި ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މައްސަލަ ޙައްލުކުރުމަށް އެންމެ ބޮޑު ގޮންޖެހުމެއް ދިމާވާ އެއްކަމަކީ ބަޖެޓުގެ ދަތިކަންކަމަށެވެ. އެގޮތުން ހޮސްޕިޓަލުތަކަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމަށްވެސް ބަޖެޓުގައި ބޮޑެތި ދަތިތަކެއް އެބަހުރިކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގައި މެމްބަރުންވަނީ ސިއްޙީ ނިޒާމުގައި މިހާރު ހުރި މައްސަލަތަކާއި މިދާއިރާ ހަރުދަނާކުރުމަށް މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކާއި ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީނާ ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފައެވެ. އަދި އެކަންކަން ހަރުދަނާކުރުމަށް މަޖިލީހުން ދެވެން އޮތް އެއްބާރުލުމެއް ދެވާނެކަމުގެ ޔަގީންކަން މެމްބަރުންވަނީ ދީފައެވެ.