ސްކޫލެއްގެ ލީޑިންގ ޓީޗަރު ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ އެމައްސަލައިގައި ތުހުމަތުކުރެވޭ މީހާ ކޯޓު ޢަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މިކަމުގެ މަޢުލޫމާތު ލިބިފައިވަނީ 22 ޖޫންގައި ކަމަށް ފުލުހުން ބުނެއެވެ. މިކަން ހިންގާފައިވަނީ މެދު ރާއްޖެތެރޭގެ ރަށެއްގެ ސްކޫލެއްގައިކަމަށްވެސް ފުލުހުން ބުނެއެވެ.
46 އަހަރުގެ ދިވެހި ފިރިހެން ލީޑިންގ ޓީޗަރު އެ ސްކޫލްގެ އަންހެން އަދި ފިރިހެން ދަރިވަރުންނަށްވެސް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ވަނީ ތުޙުމަތު ކޮށްފައެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލައިގެ މަޢުލޫމާތު އިއްޔެ އެޑިއުކޭޝަން މިނިސްޓްރީއާއިވެސް ޙިއްސާކޮށްފައިވާކަމަށެވެ. އަދި މިކަން ފުލުހުންދަނީ ތަޙްގީގްކުރަމުންކަމަށް ފުލުހުން ބުނެއެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ޖެންޑަރ މިނިސްޓްރީންވެސް އެމައްސަލަ ވަރަށް ގާތުން ބަލަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. އަދި މިމައްސަލަ ފުލުހުންނަށް ހުށަހެޅީވެސް ޖެންޑަރ މިނިސްޓްރީންކަމަށް އެމިނިސްޓްރީން ބުނެއެވެ.