ވިޔަފާރި

ދައުލަތުން މުސާރަދޭ ފަރާތްތަކުގެ ދަފްތަރު "ބަނޑޭރި ޕޯޓަލް" އަށް


ފިނޭންސް މިނިސްޓްރީން އޮންލައިން 'ބަނޑޭރި ޕޯޓަލް' އަށް އައު 6 ޚިދުމަތެއް ތަޢާރަފްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތްތައް އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި ކުރީގެ ފިނޭންސް މިނިސްޓަރ އަލީ ހާޝިމްއެވެ.

މިނިސްޓްރީގެ ޚިދުމަތްތައް ޒަމާނީކޮށް އާންމުންނާއި ހަމައަށް ފޯރުކޮށދިނުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ގިނަ ޚިދުމަތްތަކެއް ޑިޖިޓަލައިޒް ކުރަމުންދާއިރު މިހާރު އިތުރު 6 ޚިދުމަތެއް އޮންލައިންކޮށް ލިބޭނޭ ނިޒާމް މިނިސްޓްރީން ވަނީ ޤާއިމްކޮށްފައެވެ.

އެގޮތުން ދައުލަތުން ފައިސާ ދޭންޖެހޭ ފަރާތްތަކުގެ އެކައުންޓަށް ފައިސާ ޖަމާވުމުން އެސްއެމްއެސް އަދި އީމެއިލްގެ ޒަރިއްޔާއިން އަންގައިދޭ ޚިދުމަތަކާއި ދައުލަތުން މުސާރަދޭން ޖެހޭ ހުރިހާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ އޮންލައިން ދަފްތަރަކާއި ދައުލަތުގެ ކުންފުނިތަކުގެ މަޢުލޫމާތު އެއްތަނަކުން ލިބޭނެ އެސްއޯއީ ގޭޓްވޭއެއް ހިމެނެއެވެ.

މީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުން އޮންލައިންކޮށް އެކި ކަންކަމުގައި ރިކުއެސްޓްކުރެވޭ ދަފްތަރަކާއި ދައުލަތުގެ ބަޖެޓް އޮންލައިންކޮށް ބަލާލެވޭ ޚިދުމަތަކާއި އަދި ދައުލަތުގެ ޕިއެސްއައިޕީ ޕްރޮޖެކްޓުތަކުގެ މަޢުލޫމާތު އެއްތަނަކުން ލިބޭނެގޮތް މި ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

މި ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ އަބަދުވެސް އަމާޒަކީ މިނިސްޓްރީގެ ޚިދުމަތްތައް އާންމުންނާއި ހިސާބަށް ފަސޭހަކޮށް ފޯރުކޮށްދިނުންކަމަށެވެ. އެގޮތުން އަލަށް ތަޢާރަފްކުރެވުނު މިޚިދުމަތްތަކާއެކު މިނިސްޓްރީގެ މަސައްކަތްތައް އިތުރަށް ފަސޭހަވެ އާންމުންނަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

" އަޅުގަނޑުމެން އަބަދުވެސް ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އެންމެ ޒަމާނީކޮށް އެންމެ ފަސޭހަކޮށް ދެމުންގެންދެވޭތޯ އަޅުގަނޑުމެން ބަލަނީ. މިގޮތުން މިއަދު މި ތަޢާރަފްކުރާ 6 ޚިދުމަތުގެ ސަބަބަން ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ. މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ބަލާލެވެނޭ" މިނިސްޓަރ އަމީރް ވިދާޅުވިއެވެ.

ފިނޭންސް މިނިސްރީގެ ޚިދުމަތްތައް ޒަމާނީކުރުމަށްޓަކައި މިނިސްޓްރީން "ބަނޑޭރި ޕޯޓަލް" ގެ ނަމުގައި ދަފްތަރެއް ތަޢާރަފްކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ. ފިނޭންސުން ދަނީ އެމިނިސްޓްރީގެ މަސައްކަތްތައް ޑިޖިޓަލައިސްކޮށް އާންމުންނަށް ފަސޭހަކުރުމަށްޓަކައި ގިނަ މަސައްކަތްތައް ކުރަމުންނެވެ.