މިހާރު އެކުލަވާލާ އުސޫލުތަކާއި ސިޔާސަތުތައް ވާންޖެހޭނީ މުސްތަޤްބަލުގައި މުއައްސަސާތައް ހިންގަން ތިބޭ ޒުވާން ޖީލު ބަލައިގަންނަ އެއްޗަކަށް ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ސިފައިންނަށް ކުރިއަށްގެންދިޔަ "ޑިފެންސް ޑޮކްޓްރިން އެންޑް ރިފޯރމް އިނިޝިއޭޓިވް" (ޑީޑީއާރުއައި)ގެ ދެވަނަ ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑިފެންސް ޑޮކްޓްރިން އެންޑް ރިފޯރމް އިނިޝިއޭޓިވްއަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އޮޕަރޭޝަނަލް ޤާބިލިއްޔަތާއި، އިދާރީ ހިންގުން ހަރުދަނާކޮށް، ބަދަލުވަމުންދާ މާޙައުލަށް ފަރިތަ، ޕްރޮފެޝަނަލް ޒަމާނީ އަސްކަރިއްޔާއެއްގެ ގޮތުގައި އެމްއެންޑީއެފް ބިނާކުރުމަށް ކުރާ މަސައްކަތެކެވެ.
މިމަސައްކަތުގެ ތެރޭގައި އެމްއެންޑީއެފްގެ އަސްކަރީ ޤާބިލްކަން އިތުރުކުރުމަށް ބޭނުންވާ ވަޞީލަތްތަކާއި އާލާތްތައް ދެނެގަނެ އެކަށައެޅުމާއި، އިދާރީ އަދި އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރަން ބޭނުންވާ އުސޫލުތަކާއި އިޖުރާޢަތްތައް ކަނޑައަޅާ އެކުލަވާލުމުގެ މަސައްކަތްތައް ހިމެނެއެވެ.
މިފަދަ މަސައްކަތްތަކުގައި މުޢައްސަސާތަކުގެ އެންމެހާ މުއައްޒަފުންގެ ޚިޔާލު ހޯދުން މުހިންމުކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. އަދި ޤައުމީ ދިފާއީ ބާރުގެ ޤާބިލިއްޔަތު އިތުރުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ޤާނޫނީ އަދި އަސްކަރީ ދާއިރާފަދަ ދާއިރާތަކުގައި، ކަނޑައެޅި ޢާއްމުކުރެވިފައިވާ ސިޔާސަތުތަކެއް ހުރުމަކީ ކޮންމެހެންވެސް ލާޒިމްކަމެއްކަމަށާއި، މިހެން ނޫންނަމަ، މީހުންގެ ކިބައިގައި ހިތްނުތަނަވަސްކަމާއި ޝައްކު އުފެދުމުގެ ފުރުޞަތު އިތުރުވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ސިފައިންގެ ސަފަކީ ރައްޔިތުން ބަލައިގަންނަ ޕްރޮފެޝަނަލް އަދި ޒިންމާދާރު ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން، ހަރުދަނާ އުސޫލުތަކާއި ނިޒާމު ކަނޑައަޅާފައިވާ ތަނަކަށް ހެދުން މުހިންމުކަމަށެވެ.
މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 17އިން 23ގެ ނިޔަލަށެވެ.