ކުޅިވަރު

ދަ ގްރާންޑޭ މެޗް ރަގަނޅުވާނެ - ވިކްޓްރީ


ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުމަށްވުރެއް ރަނގަޅު ކުޅުމެއް މާދަމާގެ މެޗުގައި ފެނިގެންދާނެކަމަށް ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު އާދަމް ބުނެފި އެވެ.

ދިވެހި ޕްރިމިއަރ ލީގުގައި މާދަމާ ވިކްޓްރީ އާއި ދަ ގްރާންޑޭ ބައްދަލުކުރާ މެޗުގެ ކުރިން އެފްއޭއެމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ބުނީ، ޓީމުގައި ތިބި ދެ ކުޅުންތެރިއަކު ފިޔަވާ އެހެން ހުރިހާ ކުޅުންތެރިންނަކީ ފުރަތަމަ ޑިވިޝަނުގައި އަލަށް ކުޅޭ ކުޅުންތެރިންކަމަށާއި، ޓީމު ހަމަޔަކަށް އެޅެން ދުވަސްކޮޅެއް ނަގާނެކަމަށެވެ.

އަދި ޓީމަށް މިހާރު ދިވާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ކޮންޓްރެކްޓްގައި ތިބި ކުޅުންތެރިންތަކެއް އީދު ޗުއްޓީއަށް ދިއުމަށްފަހު، އެކުޅުންތެރިން ނާންނަ މައްސަލަކަމަށެވެ. މި ކުޅުންތެރިން ޓީމާއި ގުޅިއްޖެކަމަށްވާނަމަ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުވެގެން ދާނެކަމަށްވެސް މުހައްމަދު އާދަމް ބުންޏެވެ.

ލީގުގައި މިހާތަނަށް ވިކްޓްރީ ސްޕޯޓްސް ކްލަބް ކުޅުނު ދެ މެޗުންވެސް އެޓީމު ވަނީ ބަލިވެފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ހަތަރެއް ސުމަކުން ޓީސީ އަތުން ބަލިވިއިރު ދެވަނަ މެޗުގައި ޔުނައިޓެޑް ވިކްޓްރީ އަތުންވެސް ވިކްޓްރީ ބަލިވީ ހަތަރެއް ސުމަކުން ނެވެ.

މި ނަތީޖާއާއެކު ވިކްޓްރީ އޮތީ ލީގުގެ އެންމެ ފުލުގައި. މާދަމާ ހަވީރު ވިކްޓްރީ އާއި ދެކޮޅަށް ނުކުންނަ ދަ ގްރާންޑޭ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފަ އެވެ. އަދި އެޓީމު މިވަގުތު އޮތީ ލީގުގެ އެއްވަނައިގަ އެވެ.