ކުޅިވަރު

ރާޅުގުޑި ދެކުނުން އުތުރަށް އިވެންޓުގައި ރައީސް ބައިވެރިވެވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު "ރާޅުގުޑި ދެކުނުން އުތުރަށް" އިވެންޓުގައި ބައިވެރިވެވަޑައިގެންފިއެވެ.

"ރާޅު ގުޑި ދެކުނުން އުތުރަށް" މިނަމުގައިގެ ކުރިއަށް ގެންދާ މި ހަރަކާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަތީ މި ހަރަކާތުގެ ހަތަރު އެޓްލީޓުން މާލެ އައުން ފާހަގަކުރުމަށް މިއަދު ރަސްފަންނުގައި ބޭއްވި ހަރަކާތުގައިއެވެ. ރާޅު ގުޑި ދެކުނުން އުތުރަށް މި ހަރަކާތުގައި ބައިވެރިވާ 4 އެތްލީޓުންނަކީ ހާޝިމް މުހައްމަދު، އަހުމަދު ހަމްދާން، އަބްދުﷲ ތަސްލީމް އަދި ކައިޓް ސަރފިންގެ ވޯލްޑް ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޔޫރީ ޒޫންއެވެ.

މި ހަތަރު ބައިވެރިންގެ ފަރާތުންވަނީ ރައީސް ސޯލިހަށް މި އިވެންޓުގައި ބޭނުންކުރާ ޚާއްސަ ޓީޝާޓެއް ހަދިޔާކޮށްފައިއެވެ. މި ހަރަކާތަކީ ރާޅު ގުޑީގައި ރާއްޖޭގެ ދެކުނުން އުތުރަށް ދިޔުމުގެ އިތުރުން ޕްލާސްޓިކާއި މޫދަށް ކުނި އެޅުމާ ދެކޮޅަށް ހިންގާ ކެމްޕެއިނެކެވެ. މި ދަތުރުގައި މޫދުގައި ހުންނަ ކުނި ބައިވެރިން ނެގުމަށް ހަމަޖެހިފައިވާއިރު، ބައިވެރިން މަޑު ކުރާ ރަށްރަށުގެ ގޮނޑުދޮށްވެސް ސާފުކުރަންވަނީ ހަމަޖެހިފައިއެވެ. ކައިޓް ސަރފަރުން މާލެއަށް އައީ މާފުށިން ފުރައިގެންނެވެ. މި ދަތުރުގައި ހަތަރު ބައިވެރިންނާއިއެކު އިތުރު 26 އެތްލީޓުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ބ. ގޮއިދޫގެ ޒުވާން ކައިޓް ސަރފަރުންވެސް ހިމެނެއެވެ.