ވިޔަފާރި

ޖީ-20 ސަމިޓުގެ ތެރެއިން ރަނގަޅު ނިންމުންތަކެއް ނިންމަންޖެހޭ


ޖީ ޓުވެންޓީ ސަމިޓުގެ ތެރެއިން ހަރުދަނާ ނިންމުންތަކެއް ނިންމެވުމަށް ޑަބްލިޔު.ޓީ.އޯގެ ވެރިޔާ ދުނިޔޭގެ ލީޑަރުންނަށް ގޮވާލައިފިއެވެ.

ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން، ޑަބްލިޔު.ޓީ.އޯގެ ޑިރެކްޓަރ ޖެނަރަލް ރޮބާޓޯ އަޒެވޭޑޯ މިކަމަށް ގޮވާލެއްވީ، އަންނަ ހުކުރުދުވަހު ފަށާ ޖީ ޓުވެންޓީ ސަމިޓަށް ދުނިޔޭގެ ވެރިން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން، އަޒެވޭޑޯ ވިދާޅުވީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމަތަކާ ގުޅިގެން ޑަބްލިޔު،ޓީ.އޯއަށް ބޮޑު ކަންބޮޑުވުމެއް އެބައޮތްކަމަށެވެ. އަދި ޖީ ޓުވެންޓީ ސަމިޓުގެ ތެރެއިން ޤައުމުތަކުގެ ވެރިން މަޝްވަރާކޮށް، މިހާރު ނިންމާފައިވާ ނިންމުންތައް ބަދަލުކުރުމަކީ އޭނާގެ އުއްމީދެއްކަމަށް އަޒެވޭޑޯ ވިދާޅުވިއެވެ. އެހެން ނޫންނަމަ ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުން މަޑުޖެހިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާއާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައާ ގުޅޭގޮތުން އަޒެވޭޑޯ ވިދާޅުވީ އެއް ޤައުމުން އަނެއް ޤައުމަށް އެތެރެކުރާ މުދަލުން ނަގާ ޓެކްސް ބޮޑުކުރުމަކީ އޭގެ އަސަރު ގިނަ ބަޔަކަށް ކުރާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން ފަގީރު ޤައުމުތަކަށް ކުރާ އަސަރު ބޮޑުވާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަޒެވޭޑޯ ވިދާޅުވީ ޖީ ޓުވެންޓީ ސަމިޓުގެ ތެރެއިން އެމެރިކާއާއި ޗައިނާގެ ރައީސުން މަޝްވަރާކުރަން ނިންމުމަކީ ހެޔޮ ފާލެއްކަމަށެވެ. އަދި އޭނާގެ އުއްމީދަކީ ޖީ ޓުވެންޓީ ސަމިޓުގެ ތެރެއިން ރަނގަޅު ނިންމުންތަކެއް ނިންމުންކަމަށް އަޒެވޭޑޯ ވިދާޅުވިއެވެ.

އަންނަ ހުކުރުދުވަހު ޖަޕާނުގައި ފަށާ ޖީ ޓުވެންޓީ ސަމިޓަކީ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ އިސްވެރިންނާއި ސެންޓްރަލް ބެންކުތަކުގެ އިސްވެރިން ބައްދަލުކޮށް، ބައިނަލްއަޤްވާމީ އިޤްތިޞާދާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ. މިއަހަރުގެ ސަމިޓް ކުރިއަށްދާނީ މިމަހުގެ 28 އިން 29 އަށް ޖަޕާނުގެ އޮސާކާގައެވެ.