ޚަބަރު

ޖަލުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލެވޭތީ ބައެއް ޔުނިޓުތައް ބަލައި ފާސްކުރަނީ


ޖަލުގެ ސަލާމަތަށް ނުރައްކާވާފަދަ ތަކެތި ޤައިދީން ގެންގުޅޭކަމަށް ބެލެވޭތީ، މާފުށީ ޖަލުގައި ރިމާންޑް މީހުން ބަދުކޮށްފައިވާ ޔުނިޓް ބަލާ ފާސްކުރުމަށް ނިންމާފައިވާކަމަށް ހޯމް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީއިން ވިދާޅުވީ އެ ޔުނިޓުގައި ހުރި ސީސީޓީޓީވީ ކެމެރާތައް ތަޅާލާފައިވާތީ، ކަރެކްޝަނަލްގެ ބެލުމުގެ ދަށުން ޔުނިޓް ބަލާ ފާސްކުރުމުގެ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ.

މިކަން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ކަމާއި ގުޅުންހުރި ފަރާތްތަކުގެ ހާޒިރުގައި ފުރިހަމައަށް ވީޑިއޯއާއި އޯޑިއޯ ރިކޯޑް ކޮށްގެންކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މި ގޮޅިތައް ބަލައި ފާސްކުރާނީ މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ އިރުޝާދާ އެއްގޮތަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި، އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ ހާޒިރުގައެވެ. އަދި މި އޮޕަރޭޝަން ކުރިއަށްދާއިރު އެކަން މޮނިޓަރކޮށް ބެލުމުގެ ފުރުޞަތު ހިއުމަންރައިޓްސް ކޮމިޝަނަށްވެސް ދޭނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

ހޯމް މިނިސްޓްރީއިން ވިދާޅުވެފައިވަނީ މި އޮޕަރޭޝަން ކުރިއަށްގެންދާނީ ޤާނޫނުތަކާއި ޤާވާއިދުތަކާއި ހެދިފައިވާ އުސޫލުތަކާއި، އަޚުލާޤީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އަދި ބާރުގެ ބޭނުންކުރާނީ ކޮންމެހެން ބޭނުންކުރަންޖެހިއްޖެ ހާލަތެއްގައި އެ ހާލަތަކާ އެކަށީގެންވާ އެންމެ ދަށްމިންވަރަށް ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ގައިދީންތަކަކާއި، ޖަލު ބަލަހައްޓާ ކަރެކްޝަންގެ ބަޔަކާއި ދެމެދުވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ. އަދި މި ހަމަނުޖެހުންތަކާ ގުޅިގެން ބައެއް ގައިދީންގެ ބޯ ބާލައި، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲވަނީ ވިދާޅުވެފައެވެ.

މިނިސްޓަރވަނީ މިކަމާއި ގުޅިގެން މާފުށީ ޖަލުގެ އިސް ފަރާތްތަކާއި ބައްދަލު ކުރައްވާފައެވެ. އަދި ހަމަނުޖެހުންތަކާއި ގުޅިގެން ކަރެކްޝަނަލް ސަރވިސްގެ އެމަޖެންސީ ސަޕޯރޓް ގްރޫޕްގެ ކޮމާންޑަރުވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްގީގް ކުރަމުންދާކަމަށާއި، ފިޔަވަޅު އަޅާނީ ތަޙްޤީޤު ނިންމުމަށް ފަހު ކަމަށެވެ.

ހޯމް މިނިސްޓްރިއިން ގެންދަނީ މި މައްސަލައިގެ ތަޙްގީގް ވީހާވެސް ދެފުއްފެންނަގޮތަށް ކުރިއަށްގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.