ޚަބަރު

ލޯނަށް އެދުމުގެ ފުރުޞަތު މާދަމާ ހަމަވާނެ، އަމާޒަކީ ވީ އެންމެ އަވަހަކަށް ލޯނު ދޫކުރުން- ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ


މަތީ ތަޢުލީމާއި ތަމްރީނުގެ ލޯނަށް އެދުމަށް ހުޅުވާލި ފުރުޞަތު މާދަމާ ހަމަވާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ވީ އެންމެ އަވަހަކަށް ލޯނު ލިބޭ ފަރާތްތައް އިޢުލާނުކޮށް ލޯނު ދޫކުރުމަށް ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މަތީ ތަޢުލީމާއި ތަމްރީނުގެ ލޯނަށް އެދި ހުޅުވާލި ދެވަނަ ފުރުޞަތުގައި މިހާތަނަށް 700 އެޕްލިކޭޝަންސް ލިބިފައިވާކަމަށެވެ.

މި ލޯނަށް އެދުމުގެ ފުރުސަތު މާދަމާ މެންދުރު 1:30އަށް ހަމަވާނެއެވެ. މިހާތަނަށް 700 ފަރާތަކުން ލޯނަށް އެދި އެޕްލިކޭޝަން ހުށައަޅާފައިވާއިރު މީގެ ކުރިން ހުޅުވާލި ފުރުސަތުގައިވަނީ 900 އަށްވުރެ ގިނަ ފަރާތުން އެޕްލިކޭޝަން ހުށައަޅާފައިވެއެވެ. އެހެންނަމަވެސް އެޕްލިކޭޝަންތަކުގައި ގިނަ މައްސަލަތަކެއް ހުރުމުގެ ސަބަބުން ގިނަ ފަރާތްތަކަކަށް ލޯނު ހަމަޖެހޭގޮތް ފުރަތަމަ ބުރުގައިވަނީ ނުވެފައެވެ. އެފަހަރު ފުރުޞަތު ލިބުނީ ހަމައެކަނި 79 ފަރާތަކަށެވެ.

ޖުމްލަ 242 ފަރާތަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ހުޅުވާލި ފުރުޞަތުގައި 79 ފަރާތަކަށް ފުރުޞަތު ކަށަވަރުވެފައިވާތީ ދެވަނަ ބުރުގައި ލޯނު ދޫކުރުމަށް ހުޅުވާލާފައިވަނީ ބާކީ 163 ޖާގައަށްކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މާދަމާ ލޯނަށް އެދުމުގެ ފުރުޞަތު ހަމަވާއިރު މިފުރުޞަތުގައި ކޮންމެ ޤައުމަކަށްވެސް ކިޔަވަންދެވޭނެގޮތަށްވަނީ އުސޫލު އިސްލާހުކޮށްފައެވެ. އަދި މިބުރުގައި އެޕްލިކޭޝަނުގައި މައްސަލަ އުޅޭނަމަ އެކަން ފޯމު ހުށައަޅާ ފަރާތަށް އެނގޭނެފަދަ އުސޫލެއްވެސް ވަނީ ހަމަޖައްސާފައެވެ.