ޢާއްމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ކުރިއަށް ގެންދިޔުމަށް ސަރުކާރުން އެމްޓީސީސީއަށް ޚާއްސަ ސަބްސިޑީއެއް ދިނުމަށް ނިންމާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޙަސަން ޝާހު ވިދާޅުވީ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި ކުންފުންޏަށް ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުން ވިސްނަވަމުންގެންދަވާކަމަށެވެ. އެގޮތުން މިމައްސަލަ ޙައްލުކުރުމަށް ސަރުކާރުން އެމްޓީސީސީއަށް ސީދާ ޚާއްސަ ސަބްސިޑީއެއް ދިނުމަށް ނިންމާ އެކަން އެކުންފުންޏަށް އަންގާފައިވާކަމަށްވެސް ޝާހު ވިދާޅުވިއެވެ.
އަދި ދަތުރުފަތުރުގެ ޚިދުމަތުން ގެއްލުން ލިބުމުގެ ބަދަލުގައި ފައިދާ ހޯދުމަށް މަސައްކަތްކުރާއިރު އެކަން ކުރުމަށް އެކަށީގެންވާނަމަ އާ ކުންފުންޏެއް ދަތުރުފަތުރަށް ޚާއްސަކޮށްގެން އުފެއްދުމަށްވެސް ސަރުކާރުން އެމްޓީސީސީއާއެކު މަޝްވަރާކުރައްވަމުންގެންދަވާކަމަށް ޝާހު ވިދާޅުވިއެވެ.
ރާއްޖޭގެ ބޮޑުބަޔަކަށް ދަތުރުފަތުރުގެ ޚިދުމަތް ދެމުންއަންނަ އެމްޓީސީސީން ޚިދުމަތް ދެމުން އަންނަނީ ގެއްލުމުގައިކަން އެ ކުންފުނިން ފާހަގަކުރެއެވެ. އަދި އެމްޓީސީސީއަކީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އެންމެ ގިނަ ދުވަސްވީ އެއްކުންފުނިކަމަށްވާއިރު އޭގެ ގެއްލުން ހިއްސާދާރުންނަށް ލިބެމުން ދިޔުމާއި ގުޅިގެން އެކަން ޙައްލުކުރުމަށް ސަރުކާރާއި ގުޅިގެން އެމްޓީސީސީން މަސައްކަތްކުރަމުން އަންނަކަމަށް އެކުންފުނިން ބުނެއެވެ.