ވިޔަފާރި

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ 8 ވަނަ ދުވަހު


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެމްޓީސީސީން އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ކުރިން ނިންމާފައިވަނީ މިމަހުގެ ފަނަރަވަނަ ދުވަހުއެވެ. އެހެން ނަމަވެސް އަހަރީ އާއްމު ޖަލްސާ ބާއްވާ ތާރީޙް ފަސްކުރީ ޖަލްސާގައި ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވުމަށް ޕްރޮކްސީ ފޯމް ހުށަހެޅުމުގައި ސުވާލުއުފެދޭ ފަދަކަމެއް ހިގާފައިވާކަމުގެ ޝަކުވާ، ޑިރެކްޓަރުކަމަށް ނޮމިނޭޓްވެފައިވާ ބައެއް ފަރާތްތަކުން ހުށަހަޅުއްވާފައިވާތީ އެކަން ބެލުމަށްފަހުއެވެ.

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައިމަހުގެ އަށްވަނަ ދުވަހުގެ ރޭ 09:00 ގައި ހޮޓަލް ޖެންގެ ބޯލްރޫމްގައެވެ.

އަހަރީ އާއްމު ޖަލްސާގައި ޙިއްޞާދާރުންނަށް ބަހާނެ ފައިދާއާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ގޮތެއް ނިންމާނެއެވެ.

މިދިޔަ އަހަރު އެމްޓީސީސީއަށް ލިބިފައިވާ ފައިދާވަނީ ދަށްވެފައެވެ. މިއަހަރުގެ މާލީ ހާލަަތަށް ރިއާޔަތްކޮށް ނިމިދިޔަ އަހަރުގެ ޙިއްޞާ ފައިދާ ނުބެހުމަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންވަނީ ނިންމާފައެވެ. އަހަރީ އާއްމު ޖަލްސާއަށް މިކަން ހުޅަހެޅުން އޮންނާނެއެވެ.

އާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ ޑިރެކްޓަރުންގެ 2 މަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން، އިވެލުއޭޓްކުރުމަށްފަހު، ޑިރެކްޓަރުންގެ ބޯޑުން ފާސްކުރައްވާފައިވާ ފަރާތްތަކަށް ވޯޓަށް އެހުންވެސް އަހަރީ އާއްމު ޖަލްސާގައި އޮންނާނެއެވެ.