ޚަބަރު

ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ޖޭއެސްސީން ބަލަނީ


ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމުގެ މައްސަލަ ޖުޑީޝަލް ސާރަވިސް ކޮމިޝަންގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. އެނގިފައިވާ ގޮތުގައި މި މައްސަލަ އެޖެންޑާކޮށްފައިވަނީ މިދިޔަ ބުދަދުވަހު މަޖިލީހުން ފާސްކުރި ޤާރާރާއި ގުޅިގެންނެވެ.

މި މައްސަލަ މާދަމާ އެޖެންޑާކުރިކަން ޖޭއެސްސީން ރަސްމީކޮށް ނުބުނެއެވެ. އެހެންނަމަވެސް މަދާމާ ހެދުނު އެ ކޮމިޝަންގެ ބައްދަލުވުމެއް ބޭއްވުމަށް ތާވަލުކޮށްފައިވާކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ސުޕްރީމްކޯޓްގެ ފަސް ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަން ޖޭއެސްސީއަށް އެންގުމަށް 69 މެމްބަރުންގެ ވޯޓާއި އެކު މިދިޔަ ބުދަދުވަހު މަޖިލީހުން ޤަރާރެއް ފާސްކޮށްފައިވެއެވެ.

ޤާނޫނޫ އަސާސީގައިވާ ގޮތުން ޤާނޫނު އަސާސީއަސް އަމަލުކުރަން ފަށާތާ ގިނަވެގެން ދެ އަހަރުދުވަހުގެ ތެރޭގައި ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަންޖެހެއެވެ. އެހެންނަމަވެސް މިދިޔަ 10 އަަހަރު މި މަސައްކަތް ޖޭއެސްސީން ކޮށްފައެއްނުވެއެވެ.

ޖޭއެސްސީ މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކުރުމުން ކޮމެޓީގެ މެމްބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އެ ކޮމިޝަންގެ މެމްބަރުންވަނީ ސުޕްރީމްކޯޓްގެ ނުފީޒު ކޮމިޝަނަށް ފޯރުވަމުން އަންނަކަމަށް ވިދާޅުވެފައެވެ. މި ގޮތުން ފަނޑިޔާރުންގެ ފެންވަރު ބެލުމަށް ކުރަން ފެށީ މަސައްކަތް ހުއްޓުވާފައިވަނީވެސް ސުޕްރީމްކޯޓުންކަމަށް ޖޭއެސްސީގެ މެމްބަރުންވަނީ ވިދާޅުވެފައެވެ.