ޚަބަރު

ދަރަނި 600 މިލިއަނަށް، ކުންފުންޏަށް ލިބެންޖެހޭ 300 މިލިއަން ނުލިބޭ - އެމްޓީސީސީ


ދަރަނީގެ ގޮތުގައި އެމްޓީސީސީއިން އެކި ފަރާތްތަކަށް 600 މިލިއަން ރުފިޔާ ދައްކަންޖެހޭއިރު، އެ ކުންފުންޏަށް ލިބެންޖެހޭ 300 މިލިއަން ރުފިޔާ ނުލިބި އެބަހުރިކަމަށް އެކުންފުނީގެ ސީއީއޯ ޙަސަން ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު ކުންފުންޏަށް އެކަށީގެންވާ ޕްރޮޖެކްޓްތަކެއްވެސް ލިބިފައި ނުވާކަމަށެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެކުންފުނީގެ ސީއީއޯ ޙަސަން ޝާހު ވިދާޅުވީ ކުންފުނީގެ މާލީ ޙާލަތު ދަށްވެފައިވާތީ ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި އެމްޓީސީސީ ހިމެނޭއިރު އެ ކުންފުންޏަށް ސަރުކާރުގެ ހިއްސާ އޮންނަ ތަންތަނުން ނުލިބި ހުރި ފައިސާތަކާކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިމެނެނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފރާސްޓްރަކްޗަރގައިކަން ޝާހުވަނީ ފާހަގަކުރައްވާފައެވެ.

ޝާހު ވިދާޅުވީ ކުންފުނީގެ މާލީ ޙާލަތު ދަށަށް ދިއުމާ ގުޅިގެން ސަރުކާރުގެ ކަމާ ގުޅުންހުރި މިނިސްޓްރީތަކާއި މަޝްވަރާކޮށްފައިވާތީ މިހާރު ސަރުކާރުގެ ގިނަ މަޝްރޫޢޫތަކެއް އެކުންފުންޏަށް ލިބެމުން އަންނަކަމަށެވެ. އަދި ގިނަ ޕްރޮޖެކްޓްސްތަކެއް ބިޑް އުސޫލުން އެމްޓީސީސީއިން ކާމިޔާބުކުރަމުން އަންނަކަން ޝާހު ވަނީ ފާހަގަކުރައްވާފައެވެ.

އެމްޓީސީސީއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ ފައިދާ ވަމުން ނުދާތީ އެ ކުންފުނިން ވަނީ މިދިއަ އަހަރުގެ ހިއްސާގެ ފައިދާވެސް ނުބެހުމަށް ނިންމާފައެވެ. އެމްޓީސީސީގެ ސީއީއޯ ޝާހު ވިދާޅުވީ ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ކަމަށާ އެހެންކަމުން މި އަހަރު ނިމޭއިރު ކުންފުނީގެ މާލީ ހާލަތު ރަނގަޅުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގިނަ ޕްރޮޖެކްޓްތަކެއް ކާމިޔާބުކޮށް ކުންފުންޏަށް ފައިދާވާނެގޮތްތައް ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަން ޝާހު ފާހަގަކުރެއްވިއެވެ.