ކުޅިވަރު

ލ.ގަމުގައި މިއަހަރުވެސް ބައިބަލާ މުބާރާތެއް ބާއްވަނީ


ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ލ. ގަމު ރިއަލް އައިލެންޑް ސޮސައިޓީ ގުޅިގެން ބާއްވަމުން އަންނަ ބައިބަލާ މުބާރާތް މިއަހަރު ވެސް ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. އަޟްހާ އީދުގައި ބާއްވާ މިމުބާރާތަކީ މުޅި ހައްދުއްމައްޗަށް ހުޅުވާލައިގެން 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މުބާރާތުގެ އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަންކަން ވެސް ހޯދާފައި ވަނީ ލ. ގަމު މުކުރިމަގު އަންޑަގްރައުންޑްއެވެ.

ވޭތުވެދިޔަ ދެއަހަރު ވެސް މުބާރާތުގައި ބައިވެރިވެފައި ވަނީ ހަމައެކަނި ގަމު ޓީމްތަކެވެ. 2010ވަނަ އަހަރުން ފެށިގެން ރިއަލް އައިލެންޑް ސޮސައިޓީއިން ގަމުގައި އަވަށު މުބާރާތެއް ގޮތުގައި އެސޯސިއޭޝަނާ މަޝްވަރާ ކުރެވިގެން ބާއްވަން ފެށި މިމުބާރާތް ރަސްމީ ސިފައެއްގައި ބައިބަލާ އެސޯސިއޭޝަނާ ގުޅިގެން ބާއްވަން ފެށިތާ މިއީ ތިންވަނަ އަހަރުއެވެ.

ހައްދުއްމައްޗަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ކޮންމެ ޓީމެއްގައި ވެސް އަތޮޅުން ބޭރު ތިން ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮންނާނެއެވެ. މިއީ މާލޭގައި ކޮންމެ އަހަރެއްގެ ފިތުރު އީދާ ދިމާކޮށް ބާއްވާ މުބާރާތުގެ އިތުރުން، ބައިބަލާ އެސޯސިއޭޝަނުން ބާއްވާ ދެ ވަނަ މުބާރާތެވެ. މިހާރު އަހަރެއްގެ މައްޗަށް އެ އެސޯސިއޭޝަނުން ދެ ބައިބަލާ މުބާރާތް ކުރިއަށް ގެންދިޔަނަމަވެސް، ކުރިމަގުގައި މިއަދަދު ހަތަރަކަށް އިތުރުކުރުމުގެ ވިސްނުން ގެންގުޅޭކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދިނެވެ.