ވިޔަފާރި

ފީވަކުން ފްރުޓް ފްލައި ނައްތާލުމަށް ހާއްސަ މަސައްކަތްތަކެއް


ށ.ފީވަކުގެ ދަނޑުތަކަށް ދިމާވެފައިވާ ފުރުޓް ފްލައިގެ މައްސަލަ ޙައްލުކުރުމަށް އެކަމަށް ޚާއްސަ އާލާތްތައް ބޭނުންކޮށްގެން މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ފީވަކު ކައުންސިލުން ބުނެފިއެވެ.ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅުވީ ފުރުޓް ފްލައި ނައްތާލުމަށް އެކަމަށް ޚާއްސަ ކޮށިތަކެއް ސަރުކާރުން ދެއްވާފައިވާ ކަމަށެވެ.ފީވަކުން ބޭރުކުރާ މޭވާ އާއި ތަރުކާރީ އަކީ ފުރުޓް ފްލައިގެ އަސަރު ނުކުރާ ތާޒާ މޭވާ އަށް ހެދުމަށް ދަނޑުވެރިންނާއި، ކައުންސިލުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފީވަކު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.ފީވަކުގައި ފުރުޓް ފްލައިގެ އަސަރު ފެންނަން ފަށާފައިވަނީ މީގެ ފަސް އަހަރު ކުރިން ކަމަށާއި، މިކަމަށް ދާއިމީ ހައްލެއް ހޯދުމަކީ ރަށުގެ އިގްތިސާދަށް އެޅިފައިވާ ހުރަސް ނައްތާލުމަށް މުހިންމު ކަމެއް ކަމަށް ފީވަކުގެ ދަނޑުވެރިން ބުނެއެވެ.ހެލްތް މިނިސްޓަރ އަހުމަދު ޒުހޫރު އިއްޔެ ފީވަކަށް ވަޑައިގަތުމުން ބައެއް ދަނޑުވެރިން ވަނީ އެ މަނިކުފާނާއި ބައްދަލްކުރައްވާ އެކަމުގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައެވެ.ފީވަކުގައި 1200 މީހުންގެ އާބާދީ އެއް އޮތް އިރު، ރަށުގެ ހުރިހާ އާއިލާއެއްގެ އާމުދަނީ ގުޅިފައިވަނީ ދަނޑުވެރިކަމުން ލިބޭ ނަފާއަށެވެ.ފުރުޓް ފްލައިގެ އަސަރު ފީވަކުން ފެނިފައިވަނީ ހަމައެކަނި ޖަނބުރޯލާއި، އަނބުން ކަމަށާއި، ނަމަވެސް އެކަމުގެ ސަބބުން ރަށުގައި އުފައްދާ ހުރިހާ ބާވާތްތަކުގެ ޑިމާންޑް ދަށްވެ، އިގްތިސާދަށް ގެއްލުންވެފައިވާ ކަމަށް ފީވަކު ކައުންސިލުން މައުލޫމާތުދެއެވެ.