ޚަބަރު

ޕީއެސްއެމްގެ ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ އެއްވަނަ، އާޔަން އާއި ޝައިބާއަށް


ޕީއެސްއެމްގެ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ބަލައިގެން ކިޔެވުމުންގެ ބައިން އެއްވަނަ "އާޔަން އަޙްމަދު އިނާން" އަދި ނުބަލައި ކިޔެވުމުގެ ބައިން އެއްވަނަ "ޢާއިޝަތު ޝައިބާ އަޙްމަދު" ހޯދައިފިއެވެ.

ކޮންމެ ރަމަޟާން މަހަކު ޕީއެސްއެމުން ކުރިއަށްގެންދާ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތް މިއަހަރު ބާއްވާފައިވަނީ މުޅިރާއްޖޭއަށް ހުޅުވާލައިގެން ބޭއްވި އޮޑިޝަންތަކަކަށް ފަހުގައެވެ. އެގޮތުން އޯޑިޝަންތަކުގައި 1500އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާއިރު މުބާރާތަށް ހޮވާފައިވަނީ 500 ކުދިންނެވެ. 3 ޢުމުރު ފުރާއަކަށް ބަހާލައިގެން ކުދިންގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވާއިރު މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދަފައިވަނީ ގދ.ގައްދޫ ހަވީރީނާޒް އާޔަން އަޙްމަދު އިނާނެވެ. އަދި މުޅި މުބާރާތުން ނުބަލާކިޔެވުމުގެ ގޮފިން އެއްވަނަ ހޯދަފައިވަނީ ޅ.ހިންނަވަރު ސަމަންދަރުގެ ޢައިޝަތު ޝައިބާ އަޙްމަދެވެ.

މީގެ އިތުރުންވެސް ކޮންމެ ޢުމުރު ފުރާއަކުން އެއްވަނަ ދެވަނަ ތިންވަނަ ވަނީ ހޮވަފައެވެ.އެގޮތުން ޢުމުރުން 10 އަހަރާއި 12 އަހަރާއި ދެމެދުގެ ޢުމުރުފުރާއިން އެއްވަނަ ހޯދާފައިވަނީވެސް ގދ.ގައްދޫ ހަވީރީނާޒް އާޔަން އަޙްމަދު އިނާނެވެ. އަދި މިޢުމުރުފުރާއިން ނުބަލާ ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދާފައިވަނީ ޅ.ހިންނަވަރު ސަމަންދަރުގެ ޢާއިޝަތު ޝައިބާ އަޙްމަދެވެ. އަދި މުބާރާތުގެ 7 އަހަރާއި 10 އަހަރާއި ދެމެދުގެ ޢުމުރުފުރާއިން ބަލައިގެން ކިޔެވުމުގެބައިން އެއްވަނަ ހޯދަފައިވަނީ ހދ.ވައިކަރަދޫ މިލަފަރު ސާރާ މުޙައްމަދެވެ. އަދި މިޢުމުރުފުރާއިން ނުބަލާ ކިޔެވުމުގެ ބައިން އެއްވަނަ ހޯދާފައިވަނީ މއ.ހިއުސްޓަން މަން އިސްމާޢީލް މުހްތަބާއެވެ.

މުބާރާތުގެ 5 އަހަރާއި 7 އަހަރާއި ދެމެދުގެ ޢުމުރުފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދާފައިވަނީ އއ.ތޮއްޑޫ ޗާންދަނީމާގޭ ޒުލައިޚާ ލީމް އަޝްފާޤެވެ. އަދި މިޢުމުރުފުރާއިން ނުބަލާކިޔެވުމުގެ ބައިން އެއްވަނަ ހޯދަފައިވަނީ ހ.އީސްޓް ލައިޓް ޔޫސުފް އަޝްޙަދު ޢަޝްރަފެވެ. މިމުބާރާތުގައި ބައިވެރިވެ ވަނަ ހޯދާފައިވާ ކުދިންނަށް ޕީއެސްއެމުންވަނީ ތައްޓާއި ހަނދާނީ ލިޔުމާއި ފައިސާގެ އިނާމުވެސް ދީފައެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކީރިތި ޤުރުއާނަށް ކުޑަކުދިންނާއި ޢާއްމުން ހޭލުންތެރިކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާއަކުންވެސް މަސައްކަތްކުރަންޖެހޭނެކަމަށެވެ. އަދި ބެލެނިވެރިންނާ މުޚަތަބުކުރައްވާ މިނިސްޓަރވަނީ ދަރިންނަކީ ޞާލިޙު ދަރިންނަށް ހެދުމަށް ގަދައަޅައި މަސައްކަތްކުރުމަށްވެސް ނަސޭޙަތްތެރިވެވަޑައިގެންފައެވެ.

މިމުބާރާތުގައި ބައިވެރިވެ އިނާމު ހޯދި ބައެއް ބައިވެރިންވަނީ އެކުދިންގެ ޝުޢޫރު ޕީއެސްއެމް ނިއުސްއާ ޙިއްސާކޮށްފައެވެ.

ޕީއެސްއެމުން ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވާ ކުޑަކުދިންގެ ޤުރުއާން މުބާރާތް ބާއްވަނީ ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމުގެ މަޤުސަދުގައެވެ. 5 އަހަރާއި 12 އަހަރާއި ދެމެދުގެ ޢުމުރުފރާއަށް ހުޅުވާލި މިމުބާރާތުގެ މިއަހަރަށް ކަނޑައެޅި މުޤައްރަރަކީ ސޫރަތުލް އަޢްލާއިން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށެވެ.