ވިޔަފާރި

ޑިއުޓީ މަޢާފްކޮށްފައިވާ ޑީސަލް ވިއްކުމަށް ބޭނުންކުރާ އެޕްލިކޭޝަން ޓެސްޓުކުރަން ފަށައިފި


ޑިއުޓީ މަޢާފްކޮށްފައިވާ ޑީސަލް މަސްވެރިކަންކުރާ މަސް ދޯނި ފަހަރަށް ވިއްކުމަށް ބޭނުންކުރާ އެޕްލިކޭޝަން ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެެވެ.

"ފަހި ހަކަތަ" ނަމަކަށް ކިޔާ މި އެޕްލިކޭޝަން މިހާރު ޕްލޭ ސްޓޯރއިން ލިބޭނެ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހާމަކުރެއެވެ.

ޑިއުޓީ މަޢާފްކޮށްފައިވާ ޑީސަލް މަސްވެރިކަންކުރާ މަސް ދޯނިފަހަރަށް ވިއްކުމަށް ފަށާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މިކަމާއި ގުޅޭ އުޞޫލު ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ އާންމުކޮށްފައެވެ.

މި އުޞޫލުގެ ދަށުން، ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ވިއްކާނީ މިނިސްޓްރީ އޮފް ފިޝަރީޒްއިން ދޫކުރާ މަސްވެރިކަމުގެ ލައިސަންސް އޮންނަ އުނޅަދުތަކަށް އެކަންޏެވެ. މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފަހި ހަކަތަ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ.

އެޕްލިކޭޝަން ޓެސްޓުކުރުމަށްފަހު، ޑިއުޓީ އުނިކޮށްފައިވާ ޑީސަލް މަސްވެރި އުޅަނދުތަކަށް ދޫކުރުމުގެ ޕްރޮގްރާމް އާއްމުކޮށް ހުޅުވާލެވޭނެ ކަމަށާއި މިޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ، ޑީސަލް ސަޕްލައިކުރާ ފަރާތްތަކުން އެ މިނިސްޓްރީން ދޫކުރާ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.