ޚަބަރު

ޓެކްސީ ޤަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަނީ


ޓެކްސީތައް ދުއްވަމުން ދަނީ ޤަވާއިދާ އެއްގޮތަށްތޯ ބަލައި، ޤަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ޓްރެފިކް ޕޮލިހުންނާއި ގުޅިގެން ކުރަމުންދާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރޕާސަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ޓެކްސީތަކާއި ބެހޭ ޤަވާއިދުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށް، ޓެކްސީ ދުއްވަމުންދާ ފަރާތްތައް ހޯދައި، އެ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަމުންދާކަމަށެވެ.އެގޮތުން ޓްރެފިކް ޕޮލިހުންނާއި ގުޅިގެން ކޮންމެ ހަފުތާއަކުވެސް ޓެކްސީތައް ޗެކްކުރުމުގެ މަސައްކަތް ގަވާއިދުން ކުރަމުންދާކަމަށާއި، މިގޮތަށް ޗެކް ކުރުމުގެ ތެރޭގައި، ޓެކްސީ ބޯޑުތައް ދިއްލުމުގައި ދިމާވާ މައްސަލަތަކާއި، ޕަސެންޖަރުންގެ ހުއްދަނެތި ދެވަނަ ދަތުރެއް ނެގުންފަދަ މައްސަލަތައް ފާހަގަކުރެވިފައިވާކަމަށް ޓްރާންސް ޕޯޓް އޮތޯރިޓީން މައުލޫމާތުދެއެވެ. އަދި ޤަވާއިދާ ހިލާފުވާ ފަރާތްތަކަށް ނަސޭހަތްތެރިވެ، ދެވަނަ ފަހަރަށްވެސް އެކަން ތަކުރާރުކުރާނަމަ، ޖޫރިމަނާކުރުމާއި، ލައިސެންސް ހިފެއްޓުން ފަދަ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.ނާފިޒް ވިދާޅުވީ، ޓެކްސީ ޤަވާއިދާއިމެދު ޓެކްސީ ޑްރައިވަރުން އަހުލުވެރިވުމަށް ތަފާތު ގިނަ ތަމްރީން ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށާއި، އެޤަވާއިދުގައި ފުރިހަމަކުރަން ބުނެފައިވާ ކަންކަން ފުރިހަމަ ކުރުމަށްވެސް މުއްދަތުތަކެއް އެފަރާތްތައް ދީފައިވާކަމަށެވެ. އެހެންނަމަވެސް، މިފަދަ މައްސަލަތަކަކީ ޤަވާއިދަށް އަހުލުވެރިވުމަށް ވުރެ ބޮޑަށް، ޓެކްސީ ދުއްވާ ފަރާތްތަކުން ފަރުވާ ކުޑަކުރުމުގެ ސަބަބުން ދިމާވާ މައްސަލަތައްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިކަންކަން ހައްލުކުރުމާއި ގުޅޭގޮތުން، ޓެކްސީ ދުއްވާ ފަރާތްތަކާއި، ޓެކްސީ ސެންޓަރުތަކާއި ވާހަކަދައްކަމުންދާ ކަމަށްވެސް ނާފިޒް ވިދާޅުވިއެވެ.