ޚަބަރު

ޤައުމީ ސަލާމާތާ ބެހޭ ކޮމިޓީއަށް، ހޯމް މިނިސްޓަރު މިރޭ ޙާޒިރުކުރަނީ


ޖަލުގައި ހިނގި ހަމަނުޖެހުންތަކާގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިރޭ ރައްޔިތުން މަޖިލީހުގެ ޤައުމީ ސަލަމާތާއި ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ޙާޒިރުކުރަން ނިންމައިފިއެވެ.

މިރޭ 20:30ގައި އޮންނަ ކޮމެޓީ ބައްދަލުވުމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒުވެސް ޙާޒިރުކުރަމަށް ކޮމެޓީން ވަނީ ނިންމާފައެވެ.
މިއަދު މެންދުރު ބޭއްވި ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އިމްރާނާއި މުނާޒް ޙާޒިރުކުރުމަށް ހުށައެޅީ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފެވެ. އެހުށައެޅުމަށް ތާޢީދުކުރެއްވީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިޠަމެވެ.

ކޮމިޓީގައި ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، ޖަލުގައި ހިނގާދިޔަ އިންސާނީ ހައްޤުތަކާ ގުޅުންހުރި ކަންކަން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބަލަމުންދިޔަނަމަވެސް، ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޤައުމީ ސަލާމަތަށްހުރި ނުރައްކާ ދެނެގަންނަން ޖެހޭކަމަށެވެ. ސަބަބެއްކަމަށް މެންބަރުން ފާހަގަކުރެއްވީ މީގެ ކުރިންވެސް ޖަލުތަކުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ހިނގާފައިވުންނެވެ. މެންބަރުން ވިދާޅުވީ، ޖަލުތަކުގެ ޙަލަތު ގޯސްވެ މިހާހިސާބަށް ގޮސްފައިމިވަނީ، ޖަލުގެ ޙާލަތު ގިނަ ދުވަސްތަކެއްވަންދެން ރަނގަޅު ނުކުރެވި ހުރުމުގެ ސަބަބުންކަމަށް. މި މައްސަލަ ތަޙްޤީޤްކޮށްފިނަމަ ޖަލުތަކާ ގުޅޭ އިތުރު ގިނަ ކަންކަން ހާމަވެގެންދާނެކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.

"ޖަލުތަކުގައި ހިނގާ ކަމެއްގަ މާލެތެރެވެސް ހަލަބޮލިވެފައި މީގެ ކުރިން އެބަހުރި. މިހާރު މިއިވެނީ މާލޭ ޖަލާ ހަމައަށް މިކަންކަން އައިސްގެން އުޅޭ ޚަބަރު. އަސްލު މިހިސާބަށް ކަންކަން ގޯސްވެގެން މިދިޔައީ ވަރަށް ގިނަ ކަންކަން ގޯސްވެގެން. މި މައްސަލަ ރަނގަޅަށް ބަލާފިއްޔާ އިތުރު ވަރަށް ގިނަ ކަންކަން އެނގިގެންދާނެކަމަށް ބެލެވޭ." ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކަނޑިތީމް ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހޯމް މިނިސްޓްރީ އާއި ކަރެކްޝަން ސާރވިސްގެ އިސްވެރިންނާއި ހިއުމަން ރައިޓްސް ކޮމިޝަން، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ޙާޒިރުކުރަން އެ ކޮމެޓީންވެސް ވަނީ ނިންމާފައެވެ.

މިދިޔަ ބުރާސްފަތިދުވަހު މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާގުޅިގެން ޖަލުގައި ތިބި ޤައިދީންނަށާއި ޖަލު ބަލަހައްޓާ އޮފިޝަލުންތަކަށްވެސް ހާނީއްކަ ވެފައިވާކަމަށް ހޯމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި އެމިނިސްޓްރީން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަކަމަށްވެސް ވަނީ ވިދާޅުވެފައެވެ.