ވިޔަފާރި

މިދިޔަމަހުގެ ނިޔަލަށް ވާވޭއިން 100 މިލިއަން ފޯނު ވިއްކައިފި


މިއަހަރުގެ މޭމަހުގެ ނިޔަލަށް 100 މިލިއަން ފޯނު ވިއްކާފައިވާކަމަށް ޗައިނާގެ ވާވޭ ކުންފުނިން ހާމަކޮށްފިއެވެ.

ވާވޭއިން މިއަހަރުގެ މިހާތަނަށް ވިއްކި ފޯނުތަކުގެ އަދަދު ހާމަކޮށްފައިވަނީ، އެކުންފުނީގެ އައު ފޯނެއްކަމަށްވާ ނޯވާ ފައިވް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އަނެއްކޮޅުން ވާވޭއިން މިކަން ހާމަކޮށްފައި މިވަނީ އެމެރިކާއާއި ޗައިނާއާ ދެމެދު ހިނގާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން އެކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ.

ވާވޭގެ ބާނީ އަދި ޗީފް އެގްޒެކްޓިވް ރެން ވިދާޅުވީ އެމެރިކާގެ ފިޔަވަޅުތަކުގެ ސަބަބުން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ އަދަދުން 30 ބިލިއަން ޑޮލަރު މަދުވާނެކަމަށެވެ. އަދި ޗައިނާއިން ބޭރުގައި ހިންގާ އެކުންފުނީގެ ސްމާޓްފޯނުގެ ވިޔަފާރި 40 އިންސައްތަ ދަށްވެފައިވާކަމަށްވެސް ވާވޭއިން ބުނެއެވެ.

ޗައިނާއާއި އެމެރިކާއާ ދެމެދު ހިނގާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން އެމެރިކާއިން ވަނީ ޗައިނާގެ ވާވޭ ކުންފުންޏާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އެގޮތުން ވާވޭގެ ފޯނުތައް އެމެރިކާގައި ވިއްކުން މަނާކުރުމާއި، އެމެރިކާގެ ކުންފުނިތަކުން ވާވޭއަށް ޚިދުމަތް ދިނުން ހުއްޓާލުންވެސް ހިމެނެއެވެ. އެމެރިކާގެ މި ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕްގެ ބައެއް ޤައުމުތަކުންވެސް ވަނީ އެމެރިކާއިން އެޅި ފިޔަވަޅުތައް އަޅާފައެވެ.