ވިޔަފާރި

ރާއްޖެއަށް ޚާއްސަ ލިމިޓެޑް އެޑިޝަން ދަބަސްތަކެއް ނެރެފި


ރާއްޖެއަށް ޚާއްސަކޮށްގެން މަޝްހޫރު ބްރޭންޑަކުން ލިމިޓެޑް އެޑިޝަން ދަބަސްތަކެއް ނެރެފިއެވެ.

ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓާއި އޮސްޓްރޭލިއާގެ މަޝްހޫރު ސްޓޭޓް އޮފް އެސްކޭޕް ގުޅިގެން އުފައްދާފައިވާ މި ދަބަހަކީ އަންހެނުންނަށް ޚާއްސަ ދަބަހެއް. ރާއްޖެ ރީތި މާހައުލު ރަމްޒުކޮށްދޭ މި ދަބަހުގެ 3 ކުލައެއް ހުރެއެވެ. އަދި އެކުލަތަކަކީ ދޮންވެއްޔާއި، މޫދާއި، އުޑުގެ ރީތީކަން ސިފަކޮށްދޭ ކުލަތަކެކެވެ.

ރީތިރަށް ރިސޯޓުން ބުނާގޮތުން މިއީ ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން ހަނދާނެއްގެ ގޮތުގައި އަނބުރާ ޤައުމަށް ގެންދަން ރަނގަޅު ސްވެނިއަރއެއްކަމަށެވެ. މި ދަބަސްތަކަކީ ލިމިޓަޑް އެޑިޝަނަކަށްވާއިރު، މީގެ ދަބަހެއްގެ އަގު އުޅެނީ 227 ޑޮލަރު ނުވަތަ ތިން ހާސް ފަސް ސަތޭކަ ރުފިޔާއަށެވެ.

ފަތުރުވެރިންނަށް ޚާއްސަކޮށްގެން ބޭރުގެ ބްރޭންޑަކުން ރާއްޖެއަށް އަތް ދަބަހެއް ތައްޔާރުކޮށްފައިވާއިރު ރާއްޖެ އިޝްތިހާރުކުރުމަށް ބާއްވާ އެކިއެކި ހަރަކާތްތަކުގައި ބޭނުންކުރާ އަތް ދަބަހެއް ތައްޔާރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ މަސައްކަތްކުރަމުންނެވެ.

މި އަތް ދަބަހަކީ ރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންކުރާ މުޙިއްމު އެއްޗަކަށްވާއިރު ރާއްޖެއިން ބައިވެރިވާ ފެއަރތަކާއި ރޯޑް ޝޯވްތަކުގައިވެސް ރާއްޖޭގެ ސްޓޭންޑުން ދޫކުރާ އަތް ދަބަހަށް ބޮޑު ސަމާލުކަމެއް ލިބޭކަން އެމްއެމްޕީއާރުސީން ފާހަގަކުރެއެވެ.